ދިވެހި ތާރީޚުން ހެކިދޭގޮތުގައި ދިވެހިރާއްޖޭގައި މީހުން ހައްޔަރުކުރުމުގެ ނިޒާމެއް އަދި މީހުން ހައްޔަރުކުރާނެ ތަނެއް ނެތް ޒަމާނެއް ނާދެއެވެ. އެކިއެކި ކުށްކުށުގެ ތުހުމަތުގައާއި، އެކިއެކި ޙުކުމްތައް ތަންފީޒު ކުރުމުގެ ގޮތުންނެވެ. އަށިގޭގެ ނަމުގައާއި ހުރަގޭގެ ނަމުގައެވެ. އަދި ގުދަނުގެ ނަމުގައެވެ. މިފަހަކަށްއައިސް ޖަލުތަކުގެ ނަމުގައެވެ. ވޭތުވެދިޔަ ދިގު ޒަމާންތަކުގައިވެސް ކުށްވެރިވެގެން އަށިގެއަށް ނުވަތަ ހުރަގެއަށް ނުވަތަ ގުދަނަށް ނުވަތަ ޖަލަށްލާ މީހުންނަކީ މުޖުތަމަޢުގެ އެއްވެސް އަގެއްހުރި ބައެއް ކަމުގައި ނުދެކެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޕްރިޒަންސް ސިސްޓަމް ތަކަށް ބަލާއިރު އެމީހުންގެ މަސައްކަތާއި، މަސައްކަތުގެ މާޙައުލު ބިނާކޮށްފައިވަނީ ވަރަށް ހަރުދަނާ ގޮތެއްްގެ މަތީގައެވެ. ޤައުމުގެ ހަމަޖެހުމާއި މަސްލަހަތު ބިނާވެފައިވަނީ ޕްރިޒަންސް އޮފިސަރުންގެ ޚިދުމަތްތެރި މަސައްކަތް ތަކުގެ މައްޗަށެވެ. އެގޮތުން މިފަދަ ޤައުމުތަކުގެ ޕްރިޒަންސް ސިސްޓަމް ތަކުގައި އެންމެ މުހިންމު ކަމެއްދޭ ކަންކަަމަކީ އެތަންތާންގައި އިންސާނީ ވަސީލަތް ޤާއިމު ކުރުމެވެ.
އަޅުގަނޑުމެންގެ މި ރާއްޖޭގެ ޕްރިޒަންސް ސިސްޓަމަށް ބަލާއިރު މިހާރުވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ބޮޑެތި ބަދަލުތަކެއް މިދަނީ ގެންނަމުންނެވެ. ޖަލުތަކުގެ ކަންކަން ތަހްޒީބު މުޖްތަމަޢެއްގައި ހުންނަންޖެހޭ ގޮތަށް ބައްޓަންކުރުމަށާއި، ގައިދީންނާ މެދު ކަންކުރާ އުޞޫލުތަކާއި ހަމަތައް ޤާނޫނީ އޮނިގަނޑަކަށް ފެއްތުމަށްޓަކައި ދިވެހި ތާރީޚުގައިވެސް ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ފާސްކޮށް އެ ޤާނޫނަށް ޢަމަލުކުރަން ފެށުމެވެ. އެޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ރާއްޖޭގެ ޖަލުތަކަކީ، ހަރުދަނާ އުޞޫލަކުން ހިނގާ ޖަލުތަކެއް ކަމުގައި ހެދުމެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް އުފައްދައި، އެސަރވިސް ހިންގަމުން ގެންދާނެ އުޞޫލުތަކެއް ޤާއިމުކުރުމާއި، ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކުރުން ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ވުޖޫދުވެގެން އައުމާއި ގުޅިގެން ޖަލު އޮފިސަރުންނަށް ވަނީ ވަރަށް ބޮޑެތި ބާރުތަކެއް ލިބިފައެވެ. އެގޮތުން ޖަލު އޮފިސަރުންނަށް ލެސް ލީތަލް ހަތިޔާރު ބޭނުންކުރުމުގެ ހުއްދައާއި ބާރުގެ ބޭނުން ކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ ޖަލުތަކާ ޕެރޯލުގެ ގާނޫނާ ޖަލު އަމުރުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތީން ބިޑިއާ މުގުރާއި ޕެޕާ ސުޕުރޭއާއި ކަރުނަ ގޭހާއި ސްޓަން ގުރެނޭޑާއި ރަޔަޓު ގިޔަރާއި ޓޭޒަރ ގަން ޖަލު އޮފިސަރުންނަށް ބޭނުން ކުރެވެއެވެ. މީގެ އިތުރުން ސުޓަން ގަންއާ ރަބަރު ބުލެޓު ގަންއާ ބާރު ސުޕީޑުގައި ނުވަތަ ޕުރެޝަރުގައި ފެން ޖެހުމުގެ ބާރު ވެސް ޖަލު އޮފިސަރުންނަށް ވަނީ ލިބިފައެވެ.
މާޒީއިން ގިނަ ޢިބްރަތް ތަކެއް ޙާޞިލްކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ކުރަމުންގެންދާ މަސައްކަތުގެ ސަބަބުން، މިހާރު މި މުއައްސަސާއަކީވެސް ޤައުމުގެ ހަމަޖެހުމާއި މަސްލަޙަތުތައް ދެމެހެއްޓުމަށް ބުރަ މަސައްކަތް ތަކެއް ކުރަމުން އަންނަ ހިތްވަރުގަދަ ދިވެހި ދަރީންތަކެއް އުފެދިގެންދާ މުއައްސަސާއެކެވެ. މި ސަރވިސްގެ ވޭތުވެދިޔަ 43 އަހަރުގެ މާޒީގައި މި މުއައްސަސާ މިވަނީ އާންމުންގެ ތެރޭގައިވެސް ވަރަށް މަޤްބޫލު، އެހެންމީހުންގެ ލޯބި ލިބިފައިވާ މުއައްސަސާ އަކަށް ވެގެން ގޮސްފައެވެ. އަދި ޕްރިޒަންސް އޮފިސަރުންގެ ކުރިމަގު ފެންނަމުން ދަނީ ޕްރޮފެޝަނަލް ކަމާއެކު ކަންކަން ހާސިލްކުރާ ބައެއްގެ ގޮތުގައެވެ.