މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ފަޚުރުވެރި 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ ހުޅުމާލޭ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ. މިނިސްޓަރގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު ޢަބްދުއްރަހްމާން، އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަލްއުސްތާޛާ ޢާޝަޔަތު ޝިޢުނާ، ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.


މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާން ދުވަހުގެ ތަޙުނިޔާ ދެންނެވުމަށްފަހު، ވާހަކަފުޅު ދައްކަވަމުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތައް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވާނެކަމަށާއި، ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްއަށް ބޯހިޔާވެހިކަން ލިބޭނޭ ފުރުޞަތު ހޯދައިދެއްވާނެ ކަމަށާއި، ސަރުކާރުން މާލެ ސަރަޙައްދުގައި އަދި ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖައްސަވައި ދެއްވާފައިވާކަމެވެ. އަދި ކަރެކްޝަންސްގެ އޮފިސަރުން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވައި، ތައުރީފުކުރެއްވިއެވެ.


ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި، ކަރެކްޝަންސްގެ އަހަރީ ދުވަސް، މިއަހަރުގެ ޤައުމީ ދުވަސް އިއްތިފާގުން އެއްދުވަހަކަށްވީތީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ހިތްވަރުގަދަ ބަޠަލުންތަކެއް ކުޑަ ވަސީލަތްތަކަކާއެކު ދޯންޏެއްގައި ދަންވަރު މާލެ އަރައި ޤައުމު ސަލާމަތްކުރި ފަދައިން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުމުގައި މަދު ވަސީލަތްތަކަކާއެކު ފަރުދާގެ ފުރަގަހުގައި އޮފިސަރުން ޖަލު ބެލެހެއްޓުމަށް ކުރަމުންގެންދާ ހީވާގި އަދި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. ވޭތުވެ ދިޔަ އަހަރު ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރެވި، ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނަކާއި ބެގެޖް ސްކޭނިންގ މެޝިން ބެހެއްޓިފައިވާ ކަމަށާއި 2015 އިން ފެށިގެން ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިފައިވާ ކަމަށާއި ސަރުކާރުގެ ސްކީމްތަކުން ބޯހިޔާވެހިކަން ލިބޭނެކަމަށް ކަށަވަރުވެފައިވާކަމެވެ. ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވައިލެއްވެވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެއާއި ދުވާލު ވަމުންދާ ޤުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އޮފިސަރުންނަށާއި މުވައްޒަފުންނާއި ޢާއިލާތަކުގެ އިތުރުން ވޭތުވެދިޔަ 55 އަހަރު ދުވަހު ކަރެކްޝަންސްއަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ތަހުނިޔާ ދަންނަވަމުންނެވެ.

ރަސްމިއްޔާތު ނިންމާލީ ދުވަހަށް ޚާއްސަ ކޭކު ފެޅުމާއި ގްރޫޕް ފޮޓޯ ނެގުމަށް ފަހުގައެވެ.




