ޖަލުތަކުގައި ތިބި ޤައިދީންނަށް ހިންގާ ޤާރީކޯސް ލެވެލް 1 ގެ ކޯހެއް ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް އަޙްމަދު ނިހާން ޙުސައިން މަނިކު މިއަދު ސްޕޮންސަރ ކޮށްދެއްވައިފިއެވެ.
މި އަދު އެމް.ޕީ ނިހާން ވެދެއްވި އެހީއަކީ 2015 ވަނަ އަހަރުގެ މެއިމަހުގެ 26 ވަނަ ދުވަހު ޖަލުތަކުގައި ހިންގި އެކިއެކި ކޯސްތަށް ނިންމުމަށް މާފުށީ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ވެދެއްވާނެކަމަށް ވިދާޅުވެފައިވާ އެހީފުޅެކެވެ. އެގޮތުން މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 45000.00 ރުފިޔާގެ ފައިސާގެ އެހީ އެމް.ޕީ ނިހާން ވަނީ ޙަވާލުކޮށްދެއްވާައެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި އެހީއާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އެވެ.
މި ބައްދަލުކުރެއްވުމުގައި މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޠާރިޤް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ގެ އިތުރުން އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.