މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާ އޮފިސަރުން، މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމަށް މެލޭޝިއާ ޕްރިޒަން އެކަޑަމީއަށް ކުރެއްވި “ސްޓަޑީ ޓުއަރ” ރޭ ނިންމަވާލައްވައިފިއެވެ.
މި “ޓުއަރ”އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ހިންގާ ޕްރޮގްރާމްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާގޮތް ބައްލަވާލެއްވުމަށާއި، އެކަމުގެ އަމަލީ ތަޖުރިބާ ހޯއްދެވުމަށް ކުރެއްވި ދަތުރެކެވެ.
އޮގަސްޓް 15 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އާއި މާފުށީ ޖަލުން ޑެޕިއުޓީ ޑައިރެކްޓަރ އޮފެންޑަރ ސަރވިސް އެންޑް މެއިންޓެނަންސް، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި އޮފެންޑަރ ސަރވިސް ޑިޕާޓްމަންޓް ހެޑް، ސީނިއަރ ޕްރިޒަންސް އޮފިސަރ ޢަލީ މާހިރު އާއި އައްސޭރި ޖަލުގެ ޕްރޮގްރާމްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް ހެޑް، ސްޓާފް ސާޖަންޓް މުޙައްމަދު ރަމީޒް ގެ އިތުރުން ސިވިލް އޮފިސަރ މައުވާ މުޙައްމަދު ޝާފިއު ބައިވެރިވެލެއްވިއެވެ.
މި ދަތުރުގައި އެމް.ސީ.އެސް ގެ ޓީމުން ވަނީ މެލޭޝިޔާގެ އެކިއެކި ޕްރިޒަން ތަކުގެ ކަމާގުޅޭ އެންމެހާ ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް އެ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާގޮތް އޮޅުންފިލުއްވައި އެފަރާތްތަކުގެ މަސައްކަތްތައް ބައްލަވާފަައެވެ. އަދި މި ޓީމުންވަނީ މިމަސައްކަތް ތަކުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ހޯއްދަވާފައެެވެ.
މެލޭޝިއާ ޕްރިޒަން އެކަޑަމީއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތަރައްޤީ ކުރުމަށް އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގައި، އޮފިސަރުން ތަމްރީނު ކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ދެމުންގެންދާ ފަރާތެކެވެ.