މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖަލުތަކުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ރައްކާތެރި މާހައުލެއްގައި ތިބި ބައެއްކަން ޔަޤީންކުރުމުގެ ގޮތުން މިއަދު ޓީ.ބީ އަށް ސްކްރީން ކުރަން ފަށައިފިއެވެ.
މިޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހެލްތުގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ ސަބަބުން މުވައްޒަފުންނާއި ޤައިދީން ސިއްޙީ ކަންކަމަށް ދޭންވާ ސަމާލުކަން އިތުރުވެގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ. އަދި މީގެ އިތުރުން މިފަދަ ފުރުސަތުތަކެއް ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ލިބިގެން ދިއުމަކީ އެބޭފުޅުންނަށް އިތުރު ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ސްކްރީނިންގ ފެށިފައި ވަނީ ހެޑްއޮފީހާއިި މާލެ ޖަލުގެ ސްޓާފުންނެވެ. އަދި މި ޕްރޮގްރާމް އެހެން ޖަލުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމްގެ ދަށުން މުވައްޒަފުންނާއި ޤައިދީއިން ދުޅަހެޔޮ ސިއްހަތެއްގައި ތިބިކަން ޔަޤީން ކުރުމުގެ ގޮތުން އިތުރު އެހެނިހެން ސްކްރީނިންގތައް ކުރުމާއި މަޢުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ މަސައްކަތްތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެފަރާތަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.