މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފިއެވެ.
އެގޮތުން މާފުށީ ޖަލުގައި ތިން މަސް ދުވަހަށް ކުރިއަށްދާ ފޭސް 2 ގެ ދެ ބެޗަކީ ބެޗް 9 އާއި 10 އެވެ. މި ދެ ބެޗްގައި ޖުމްލަކޮށް 12 ގައިދީން ބައިވެރިވެފައިވެއެވެ.

ފްރޭމްވަރކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ “ސައިކޮލޮޖީ ޕްރޮގްރާމް”ތަކެވެ. މި ފޭސްގެ މަގްސަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމުގައި ހަދައި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ.




