މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ” ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި  ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. 

27 ބައިވެރިންގެ ތެރެއިން، އެކި ސަބަބުތަކާހުރެ މި ކޯސް ފުރިހަމަކޮށްފައިވަނީ 22 ފަރާތެވެ. މިއީ މި ކޯހުގެ ފުރަތަމް ބެޗެވެ.

 މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިނުން ހިމެނުނެވެ. އެގޮތުން މި ޕްރޮގްރާމްގެ “ބެސްޓް އޯލް ރައުންޑް” އަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް ނަސީރު ހޮވިފައިވާއިރު، ޕްރޮގްރާމްގެ “ފިޓަސްޓް އަންހެން އަދި ފިރިހެން” އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޝަހުމަދު ޝަމީމް އާއި ޕްރިޒަން ޕްރައިވެޓް އާއިޝަތު އިމްޝާ އަރީފްއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” އަކަށް ހޮވިފައިވަނީ އައިވަރީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤްއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވެ، ޕްރިޒަން އޮފިސަރުންގެ ހުވާ ކުރެއްވި ހުރިހާ އޮފިސަރުންނަށް މަރުޙަބާ ދަންނަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއް އަދާކުރަން ފެށުން ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި  އިންސާފްގެ ބެލެނިވެރިންގެ ގޮތުގައި ކަމަށާއި އޮފިސަރުންނަށް މައިގަނޑުގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފިސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމުގައެވެ.

ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުޙިއްމުކަމަށް ޢަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ އިލްތިމާސްކުރެއްވީ ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށެވެ. އަދި ކޯހުގައި އުގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ސެޓްފިކެޓް 01 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ.