ޖަލުތަކުގައި ރިހެބިލިޓޭޝަން މަސައްކަތްކުރާ އޮފިސަރުންގެ ޓީމެއް، ސްރީ ލަންކާގައި ހިންގި “ކައުންސެލިންގ އެންޑް މެންޓަލް ހެލްތް ޓްރޭނިންގ” ފުރިހަމަކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލުތަކުގައި ޤައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް، ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ހިންގި “ކައުންސެލިންގ އެންޑް މެންޓަލް ހެލްތް” ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ރޭ އަނބުރާ މާލެ އައިސްފިއެވެ.

ސްރީ ލަންކާގެ ނިގަންބޯގައި ހިންގި މި ޓްރޭނިންގ ޕްރޮގްރާމްއަކީ 10 ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި މި ސަރވިސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ 09 އޮފިސަރުންނާއި 01 ސިވިލް މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

“ކައުންސެލިންގ އެންޑް މެންޓަލް ހެލްތް” ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްރީ ލަންކާގެ ޕްރިޒަންސް ޑިޕަރޓްމަންޓްގެ ކޮމިޝަނަރ ޖަގަތު ވީރަސިންގައެވެ. އަދި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރީހެބިލިޓޭޝަން ދާއިރާގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ޤާބިލްކަން އިތުރު ކުރުމާ މިސަރވިސްގެ ޚިދުމަތް އިތުރަށް ޚަރުދަނާކުރުމުގެ އިތުރުން، މި ޓްރޭނިންގ ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ޤައިދީން ރަނގަޅަށް ރީހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް އަހުލުވެރިކުރެވިގެން ދިއުމެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްރީ ލަންކާގެ ހެލްޕިންގ ހޭންޑް ސައިކޮލޮޖިކަލް ހސްޕިޓަލްއާ ގުޅިގެންނެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި ޓީމް ވަނީ ސްރީ ލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެވާލާ ޑިފެންސް ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފައެވެ.