މާފުށީ ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފި

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

ޑިނަރ ނައިޓަކީ މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިވެންޓެކެވެ.

މި ރަސްމިއްޔާތުގައި މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން 01 ނޮވެމްބަރ 2014 ން 31 އޮކްޓޯބަރ 2015 ގެ ނިޔަލަށް އެންމެ ރަނގަޅަށް ފަރުވާތެރިކަމާއެކު މަސައްކަތްކުރި 60 އޮފިސަރަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ސެޓްފިކެޓް ބައްސަވައި ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ވިދާޅުވީ އަޅުގަނޑުމެންގެ އޮފިސަރުންނަކީ ވަރަށް ކެރޭ ހީވާގި، އޮފިސަރުންތަކެއް ކަމަށާ، އަޅުގަނޑުމެންގެ އޮފިސަރުން މިތަނުގައި ތިބިހާ ހިނދަކު މިތަނުގައި ނުރައްކާތެރި ހާދިޘާއެއް ހިނގާނެ ފުރުޞަތު ނުދޭނެ ކަމަށެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތް ކާމިޔާބު ކަމާއެކު ކުރެވެމުން މިދަނީ އަޅުގަނޑުމެންނާއެކު ބެލެނިވެރިން ބައިވެރިވެ، ދެއްވާ އެއްބާރުލެއްވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތްތާންގައިވެސް އެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންފުޅުވާކަމަށް ކޮމިޝަނަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

MG_2046-620x479

މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ވަނީ ވީޑިއޯ ޕްރެޒެންޓޭޝަން އެއް ހުށައަޅާފައެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ މާފުށީ ޖަލާއި އީ.އެސް.ޖީގެ ސެކްޝަންތަކުން ހުށައަޅައިދިން މުނިފޫހި ފިލުވައިދިން އައިޓަމްތަކާއެކުއެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އާއި އީ.އެސް.ޖީގެ ކޮމާންޑިންގ އޮފިސަރ، ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ ގެ އިތުރުން ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.