އެސްކޮޓް ޗެލްންޖް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް، ތަފާތު ބޮޑު ނަތީޖާއަކަން ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ކުޅުނު މެޗްގައި ބައްދަލުކުރީ ގްރޫޕް “ބީ” ގެ ޓީމް އެޗް.ކިއު އާއި ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ އެވެ. މި މެޗް 10 – 4 އިން ކާމިޔާބުކުރީ ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ އެވެ.
މި މެޗްގައި ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ އިން މުޅި މެޗްގައިވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗް ފެށިގެން ފުރަތަމަ މިނިޓްގައި ޓީމް އެޗް ކިއު ގެ ކެޕްޓަން މޫސާ ހަސަން ފުޅު ވަނީ ޓީމަށް ލީޑް ހޯދައި ދީފައެވެ. ނަމަވެސް މެޗްގެ ތިންވަނަ މިނިޓްގައި ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ އިން އެޓީމްގެ ފުރަތަމަ ލަނޑު ހުސައިން ޞަބާޙް ވަނީ ކާމިޔާބުކޮށްދީ މެޗް ގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ ޓީމްގެ އިސްމާއިލް މުޙައްމަދު ވަނީ އެޓީމްގެ ލީޑް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މެޗްގެ ހަތަރުވަނަ މިނިޓްގައާއި 11ވަނަ މިނިޓްގައާއި 12 ވަނަ މިނިޓްގައާއި 15 ވަނަ މިނިޓްގައާއި 19 ވަނަ މިނިޓްގައާއި 20 ވަނަ މިނިޓްގައާއި އަދި 36 ވަނަ މިނިޓްގައި އިސްމާއިލް މުހައްމަދުވަނީ ހަތް ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި މެޗްގެ 25 ވަނަ މިނިޓްގައި ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގެ އަބްދުﷲ ޖަމީލް ވަނީ އެޓީމަށް އިތުރު ގޯލެއް ކާމިޔާބު ކޮށްދީފައެވެ.
މެޗްގެ ކުޅުން ރަނގަޅުކޮށް ޓީމް އެޗް ކިއު އިންވަނީ އެޓީމަށް އިތުރު ތިން ގޯލް ޖަހާދީފައެވެ. އެގޮތުން މެޗްގެ 15 ވަނަ މިނިޓްގައާއި 22 ވަނަ މިނިޓްގައި އެޓީމްގެ ހުސައިން ޝާމް ވަނީ އިތުރު ދެގޯލް ޓީމް އެޗްކިއު އަށް ކާމިޔާބުކޮށްދީފައެވެ. އަދި މެޗްގެ 33 ވަނަ މިނިޓްގައި އެޗްކިއު ޓީމްގެ ޝައުކަތު އަލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުމާލެ ޑިޓެންޝަން ސެންޓަރ ޓީމްގެ އިސްމާއީލް މުޙައްމަދު އެވެ. އޭނާ ވަނީ މެޗްގައި ހަތް ގޯލް ޖަހާފައެވެ.