ހުޅުމާލޭ ޖަލުގެ ޚިދުމަތަށް 12 އަހަރު!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

މި  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ  ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއެވެ. ޑެޕިއުޓީ ކޮމިޝަނަރގެ އިތުރުން ހުޅުމާލޭ ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް  އިބްރާހިމް އަފީފް އާއި ކޮމިޝަންޑް އޮފިސަރުންނާއި ހުޅުމާލޭ ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި، ހުޅުމާލޭ ޖަލުގެ އޮފިސަރުންނަށް ވަނީ ކުލަ އާއި މެޑަލް ހަވާލުކޮށްފައެވެ. އަދި ވޭތުވެ ދިޔަ އަހަރު ހާޟިރީ އަށާއި އެހެނިހެން ކަންކަމަށް ފާހަގަކުރެވުނު އޮފިސަރުންނަށާއި މުވައްޒަފުންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމަށް ފަހުގައެވެ.