އެމްސީއެސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕް ފަށައިފިއެވެ.

މި ދެ ވޯކްޝޮޕް ކުރިއަށްދާނީ 14 ޖުލައި 2024 ން ފެށިގެން 14 ދުވަހުގެ ނިޔަލަށެވެ. މިގޮތުން ލިޔެލާ ޖެހުމުގެ ވޯކްޝޮޕްގައި 10 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވާއިރު، ކަސަބު ގެތުމާބެހޭ ވޯކްޝޮޕްގައި ހަ ޕްރިޒަން އޮފިސަރުންނާއި ހަތަރު ސިވިލް މުވައްޒަފުން ބައިވެފައިވެއެވެ.

މި ދެ ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޞަގާފީ މަސައްކަތްތައް އާލާކުރުމަށްޓަކައި އޮފިސަރުންނާއި މުވައްޒަފުން ތަމްރީންކޮށް، އެމީހުން މެދުވެރިކޮށް ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް މި މަސައްކަތްތައް ދަސްކޮށްދީ، މިއަހަރުތެރޭ މާފުށީ ޖަލުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއްވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުމެވެ.

ޤައިދީންނަށް އަމާޒުކޮށްގެން މިފަދަ ވޯކްޝޮޕްތަކާއި ތަމްރީންތައް ހިންގުމަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އެގޮތުން އެމްސީއެސްއިން އަބަދުވެސް މަސައްކަތްކުރަނީ ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް، ޖަލުގައި ހޭދަ ކުރާ ދުވަސްތައް ފައިދާކުރެނެވި ދުވަސްތަކަކަށް ހެދުމަށާއި، އެމީހުން ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ދޫކުރުމަށެވެ. އަދި ޖަލުން ނިކުތުމަށްފަހު، އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމެވެ.  

ލިޔެލާ ޖެހުމުގެ ވޯކްޝޮޕް ކުރިއަށްގެންދަނީ އަލްފާޟިލް ޢަބްދުލް އަޒީޒް އާ ގުޅިގެން ކަމުގައިވީއިރު، ކަސަބު ގެތުމާ ބެހޭ ވޯކްޝޮޕްގެ ކްލާސްތައް ނަގައިދެއްވާނީ ގަތާ ޓޭލްސްގެ އަލްފާޟިލާ ފާތިމަތު ނަދުހާ ޢަބްދުލް މުހުސިންއެވެ. މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް މުސްތަޤްބަލްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.