މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އާއި އަންނަ އަހަރުގެ ކަލަންޑަރު އިފްތިތާޙް ކުރުމަށް މިރޭ މާލޭ ޖަލުގައި ޙަފްލާއެއް ބާއްވައިފިއެވެ.
މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަލްފާޟިލް އުމަރު ނަސީރު އެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އާއި 2016 ވަނަ އަހަރުގެ ކަލަންޑަރ އިފްތިތާޙް ކޮށްދެއްވީވެސް މިނިސްޓަރ އުމަރު ނަސީރު އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މިހާރު ޖަލުގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މަޤާމަށް މުޙައްމަދު ޙުޝާމް އައްޔަން ކުރެވުނު ހިސާބުން ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތައް ފުޅާވެ، އިތުރު ކުރިއެރުންތަކެއް ލިބެމުން އަންނަކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ މި ރަސްމިއްޔާތަކީ ވަރަށް ތާރީޚީ ރަސްމިއްޔާތެއް ކަމަށާއި، މިއީ ޖަލު ހިންގުމުގެ ތާރީޚްގައިވެސް މިފަދަ ޕްލޭނެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިމަސައްކަތް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމަށް އެދުނު ކަމަށާއި، އެ ހުރިހާ ފަރާތްތަކުން މި މަސައްކަތުގައި ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވައި ކޮމިޝަނަރ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ހާއްސަކޮށް މި މަސައްތުގައި ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ އެފަރާތަށް ވަރަށް ހާއްސަ ޝުކުރު އަދާކުރައްވާފައެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ މި ޕްލޭންގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތަކަށް އިތުރު ކުރިއެރުން ތަކެއް ލިބޭނޭކަމަށެވެ.