ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމް ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފި

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ނެޝަނަލް ޑްރަގް އެޖެންސީ (އެ.ން.ޑީ.އޭ) އާއިއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޓިންގ ރޫމްގައެވެ. މި ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވަނީ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހަވާލު ކުރުމަށްޓަކައި އިންފްރާ ސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެ.ން.ޑީ.އޭ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދެވޭނެ ގޮތެއްގެ މައްޗަށެވެ.

މި މަސައްކަތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ތަކުގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއަރޒް އޮނަރަބަލް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ސީނިއަރ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ.