މިހިނގާ 2016 ވަނަ އަހަރަކީ ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޙަޔާތުގައި ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވެއްޖެއެވެ.
ޑީ.ސީ.ޕީ ހަސަން ޒިލާލް މިހެން ވިދާޅުވީ އައްސޭރިޖަލުގެ ހަތްވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ 2015 ވަނަ އަހަރަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޙަޔާތުގައި ގިނަގުން ކާމިޔާބީތަކެއް ހާސިލް ކުރެވިގެން ދިޔަ އަހަރެއް ކަމަށެވެ. އަދި މުއައްސަސާއާއި މެދު މީހުން ދެކެމުން އައި ތަސައްވުރު ބަދަލުވެގެން ދިޔަ އަހަރެއް ކަމަށާއި މުވައްޒަފުންގެ ފަރާތުން ލިބިގެންދިޔަ އެކުވެރިކަމާއި ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް މުއައްސަސާގެ ދުވެލި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
ޑީ.ސީ.ޕީ ޙަސަން ޒިލާލް އިތުރަށް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 2016 ވަނަ އަހަރުގެ ލަނޑުދަނޑިއަށް ވާސިލް ވުމަށް ހުރިހާ އޮފިސަރުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާކަމަށާއި އެކަމަށް ހުރިހާ އޮފިސަރުންވެސް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި މުއައްސަސާގެ މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރުމަށާއި ގުޅިގެން އެންމެން އެކުގައި މަސައްކަތް ކުރުމަށް ޑީ.ސީ.ޕީ ހަސަން ޒިލާލް ހުރިހާ އޮފިސަރުންނަށް ނަސޭހަތްތެރި ވެލެއްވިއެވެ.
ޑީ.ސީ.ޕީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި މުއައްސަސާ މި ދުވެލީގައި ކުރިއަށް މިދަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމްގެ ދުރުވިސްނުމާއި ކަންކަމުގައި ދެއްވާ އިރުޝާދާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރު ވެދެއްވާ އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ޙުޝާމް އަށާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.