ރައީސުލްޖުމްހޫރިއްޔާގެ ނައިބު “އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ2023” ހުޅުވައިދެއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ.

ކ. މާފުށީ ސްކޫލުގައި  ޖޫން 1 -2 އަށް ކުރިއަށްގެންދާ މި ފެއަރ އަކީ މީގެ 8 ވަނަ ފެއަރއެވެ.

“އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023” ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ ފޯރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އޮނަރަބަލް ޔުމްނާ މައުމޫން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް މުޙައްމަދު ޠާރިޤު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަލްފާޟިލް އަޙްމަދު ސަމީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ނޫރާ މުޙައްމަދު، މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

މި ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީންގެ މަސައްކަތްތައް ހިމަނާފައިވެއެވެ. މިގޮތުން މީގެ ތެރޭގައި އަތްތެރި މަސައްކަތުން ތައްޔާރުކޮށްފައިވާ 800 އުފެއްދުމާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. މިފެއަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އާއި ދައުވަތު އެރުވުނު މެހެމާނުން ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އެއް އަމާޒަކީ ޤައިދީން އިސްލާހުކޮށް، ޖަލުން ނިކުމެ މުޖްތަމައުގައި ދިރިއުޅޭއިރު އާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ދަސްކޮށްދިނުމެވެ. އަދި މި ފެއަރ ބޭއްވުމުގެ މައިގަނޑު އެއް މަޤްޞަދަކީ ޤައިދީންގެ ހުނަރުތަކާއި މަސައްކަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމާއި، އެތަކެތި ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިފެއަރ ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ. އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުގެ ވާހަކަފުޅުގައި ޤައިދީންގެ ރިހެބިލިޓޭޝަންއަކީ ހަމައެކަނި އެމްސީއެސްއިން ކޮށްނިންމޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމުގައެވެ. ދުނިޔޭގެ ހޯދުންތަކުގެ ޢަލީގައި ޖަލުތަކުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަންކުރެވޭތޯ ބަލަމުންގެންދަނީ އިސްލާމްދީނުގެ އަޤީދާއާއި ދިވެހިންގެ އާދަކާދައާއި ތަޢުލީމާއި ސިއްޙަތާއި ޤައިދީންގެ ނަފްސާނީ ދުޅަހެޔޮކަމާއި ތަފާތު ފަންނުތައް އެކުލަވާލައިގެން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ޤައިދީން މުޖްތަމަޢުއަށް ރީއިންޓެގްރޭޓް ކުރުމުގައި ގުޅުންހުރި ދާއިރާތަކާއި ޤައިދީންގެ ޢާއިލާތަކާއި ރަހްމަތްތެރިންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަކުރެއްވިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިގޮތުން މިދިޔަ އަހަރު ހިންގުނު ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްކޮށް މުޖްތަމަޢުއަށް ދޫކުރި ފަރާތްތައް މުޖްތަމަޢުގައި މޮނިޓަރކުރަމުންދާއިރު މިކަން ފާހަގަވެފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ މީހުން މުޖްތަމަޢުގައި ކާމިޔާބުކަމާއެކު ދިރިއުޅެމުންދާއިރު، މަދު ބަޔަކު އަނބުރާ ޖަލަށް ގެނެވިފައިވާކަން ފާހަގަކުރައްވަމުން  ކޮމިޝަނަރ ވިދާޅުވީ އެކަމުން ދޭހަވާ ކަމަކީ ޖަލުގައި ކިތަންމެ ފުރިހަމައަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގިކަމުގައިވީނަމަވެސް، އެމީހުންނަށް މުޖްތަމަޢުއިން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ލިބިގެން ނޫނީ ރިހެބިލިޓޭޝަން ކާމިޔާބު ނުވާނޭކަމެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރގެ ވާހަކަ ދައްކަވަމުން ކޮމިޝަނަރ ފާހަގަކުރެއްވީ ދިރިއުޅުމުގެ ޙާލަތަކަށް އަންނަ ބަދަލާ ގުޅިގެން މިވަގުތު ޖަލުގައި ތިބެންޖެހުނަސް، އޭގެތެރޭގައި ވަރަށް ހުނަރުވެރި ޒުވާނުން ތިބިކަމެވެ. އަދި އެއީ ޤައުމު ބިނާކުރުމުގައި ހީވާގިކަމާއެކު މަސައްކަތްކުރެވިދާނެ ޒުވާނުންތަކެއް ކަމަށް އެމީހުންގެ ހުނަރާއި ޤާބިލްކަމުން ފެންނަކަމަށާއި އެމީހުންނަށް ހިތްވަރާއެކު މަސައްކަތްކުރެވޭނޭ ފުރުޞަތު ފަހިކޮށްދިނުން ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

ސިލްސިލާކޮށް ބާއްވާ މި ފެއަރއަކީ ކޯވިޑް-19 ގެ ފަހުން ބާއްވާ ފުރަތަމަ ފެއަރއެވެ.