އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްގެ (އައިކޯސްޓް) ފަރާތުން މުޅިން އަލަށް ގައިދީންނަށް އަމާޒުކޮށްގެން ފަރުމާކުރި “ސެޓްފިކޭޓް 1 އިން ބޭސިކް ސްވިންގ” ކޯސް މިއަދު މާފުށި ޖަލުގައި ފަށައިފިއެވެ.
މިކޯހަކީ އެމްކިއުއޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގާކޯހެކެވެ. 5 ހަފްތާގެ މުއްދަތަށް ހިންގާ މި ކޯހުގައި ޖުމްލަ 20 ގައިދީން ބައިވެރިވެފައިވާ އިރު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ކުލާހެއްގައި 10 ގައިދީން ހިމެނޭ ގޮތަށެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އައިކޯސްޓްގެ އެގްޒެކްޓިވް ޑައިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙުމަދު ރިޒާ ވިދާޅުވިގޮތުގައި މީގެ ކުރިން ހިންގާފައިވާ ކޯސްތަކަކީ އައިކޯސްޓާ އެހެން ފަރާތްތަކާ ގުޅިގެން ހިންގާފައިވާ ކޯސްތަކެއް ނަމަވެސް މިކޯހަކީ އައިކޯސްޓްގެ ފަރާތުން ޤައިދީންނަށް ޙާއްސަކޮށްގެން ހިންގާ ފުރަތަމަ ކޯސްކަމަށާއި އަދި ކޯހުގައި ކިޔަވައިދޭ މުދައްރިބުންނަކީވެސް އެމް.ސީއެސްގެ އޮފިސަރުން ކަންފާހަގަކުރެއްވިއެވެ. މި ކޯހުގެ އިތުރުން ޤައިދީންނަށް ޙާއްސަކޮށްގެން ވަރަށްގިނަ ކޯސްތަކެއް މިހާރުވެސް އައިކޯސްޓުގެ ފަރާތުން ދަނީ ފަރުމާކޮށް އެމް.ކިއުއޭއަށް ހުށަހެޅުމަށް ތައްޔާރުވަމުނެވެ. ޤައިދީންނަށް އިތުރުކޯސްތަކަށް ވަރަށް އަވަހަ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ. ވިމާ މި މައުލޫމާތު ޔުނިޓްތަކުގައި ތިބި އެހެން ޤައިދީންނަށް ފޯރުކޮށްދިނުމަށް އިންސްޓިޓިއުޓްގެ އެގްޒެކްޓިވް ޑައިރެކްޓަރ އިލްތިމާސްކުރެއްވިއެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ވިދާޅުވީ އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ މިފަދަ ކޯސްތަކުގައި ބައިވެރިވާ ޤައިދީންނަކީ މުޖުތަމަޢުއަށް ނިކުންނައިރު އެމް.ކިއު.އޭ ޤަބޫލް ކުރާ ސެޓްފިކެޓެއް އަތުގަ އޮންނާނެ ބައެއް ކަމަށެވެ. އަދި މިކޯހުގައި ބައިވެރިވެފައިވާ ޤައިދީން ކޯސް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މީގެ އިތުރުން ފަހާ ކޯހުގެ ލެވެލް 1 ނިމުމުން ލެވެލް 2 އަދި 3 ވެސް ފަށާނެކަމަށާއި ކޯސްތަކުގައި ހުއްޓާނުލާ ކިޔަވާ ޤައިދީން މުޖުތަމަޢުއަށް ނިކުންނައިރު އެއްމެ ދައްވެގެން ޑިޕްލޮމާ ސެޓްފިކެޓް ހާސިލުކުރެވޭނެ މިންވަރަށް އައިކޯސްޓުގެ ފަރާތުން ކިޔަވައިދެއްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އައިކޯސްޓުގެ ވެރިންނާއި މާފުށި ޖަލުގެ ވެރިންނާއި އޮފިސަރުން ބައިވެރިވެލެއްވިއެވެ.