އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ޓީމެއް އައްސޭރިޖަލަށް ޒިޔާރަތް ކޮށްފި

އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ ޓީމެއް އައްސޭރި ޖަލަށް އިއްޔެ ޒިޔާރަތް ކޮށްފިއެވެ.

މި ޒިޔާރަތަކީ އީ.އެސް.ޖީ ގެ އަހަރީ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައިވާ ދަތުރެއްކަމަށާއި، މި މަހުގެ 13 އިން 17 އަށް، މި ދަތުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އީ.އެސް.ޖީ ގެ ކޮމާންޑިންގ އޮފިސަރ ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ މައުލޫމާތު ދެއްވިއެވެ. އަދި މި ދަތުރުގައި އައްސޭރި ޖަލުގެ ސެކިއުރިޓީ ދިރާސާކޮށް އެކަމާއި ގުޅޭގޮތުން ރިޕޯރޓެއް ތައްޔާރުކޮށް، ޖަލުގައި ރަނގަޅު ކުރަންހުރި ކަމެއް ފާހަގަކުރެވޭނަމަ އެކަމެއް ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ މައުލޫމާތު ދެއްވިއެވެ.

އަދި އެއްވެސް ކަމެއްގައި އިމަޖެންސީ ސަޕޯރޓް ގްރޫޕް ހަރަކާތްތެރިވާން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެކަމަށް ތައްޔާރުކޮށްފައިވާ ޕްލޭން އިތުރަށް ދިރާސާކޮށް، އިސްލާޙް ގެންނަން ޖެހޭނަމަ އެކަންވެސް މި ދަތުރުގައި ކުރައްވާނެ ކަމަށް އީ.އެސް.ޖީ ގެ ކޮމާންޑިންގ އޮފިސަރ ވިދާޅުވިއެވެ. އަދި އައްސޭރިޖަލުގައި “ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރެއިނިންގ” (ޕީ.އާރ.ޓީ.ޓީ) ހަދާފައިތިބި އޮފިސަރުންނަށް ރިފްރެޝަރ ޓްރެއިނިންގ ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށްވެސް ވިދާޅުވިއެވެ. އަދި އައްސޭރި ޖަލުގެ ހުރިހައި އޮފިސަރުން ހިމެނޭ ގޮތަށް ސިނާރިއޯ ތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ އިތުރަށް ވިދާޅުވީ ކޮންމެ މަހަކުވެސް ކޮންމެވެސް ޖަލަކަށް ޒިޔާރަތްކޮށް އެޖަލެއްގެ ސެކިއުރިޓީ ކަންތައްތައް މޮނީޓަރ ކުރައްވަމުން ގެންދަވާނެ ކަމަށާއި އަދި ރަނގަޅު ކުރަންހުރި ކަންތައްތައް ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.