އައްސޭރި ޖަލުގެ ޤައިދީއަކު ހިންމަފުށީގެ ހިޔާ ޔޫތް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މަދަހަ މުބާރާތުން ކާމިޔާބީ ހާޞިލްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އައްސޭރި ޖަލުގެ ބެލުމުގެ ދަށުގައިވާ ޤައިދީއަކު ކ. ހިންމަފުށީގެ ހިޔާ ޔޫތް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “ޢޫދް އަލް ސަބާޔާ ހިޔާ މަދަހަ މުބާރާތް 2022” ގައި ބައިވެރިވެ، ކާމިޔާބީ ހޯދައިފިއެވެ.

ރޭ ކ. ހިންމަފުށީގައި ބޭއްވި “ޢޫދް އަލް ސަބާޔާ ހިޔާ މަދަހަ މުބާރާތް 2022” ގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

މި މަދަހަ މުބާރާތުގައި ބައިވެރިވެފައިވަނީ އައްސޭރި ޖަލުގެ 2 ޤައިދީއެވެ. މި ދެ ޤައިދީންގެ ތެރެއިން އެއް ޤައިދީ ވަނީ އޭނާ ބައިވެރިވި އުމުރު ފުރާއިން 2 ވަނަ އަދި މުޅި މުބާރާތުގެ ގަދަ ފަސް ބައިވެރިއަކަށް ހޮވިފައެވެ. މިއީ ޖަލެއްގައި ޙުކުމް ތަންރީޛްކުރަމުންދާ ޤައިދީއަކު މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގައި ޤައިދީން ބައިވެރިކުރުމަކީ އެ ފަރާތްތަކުގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެކެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މި ރަސްމިއްޔާތުގައި ވާހަކަފުޅުގައި ވަނަ ތައް ހާޞިލްކުރި ފަރާތްތަކަށް މަރުޙަބާ ދަންނަވަމުން، ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ދަޢުވަތު އެރުވީތީ ހިޔާ ޔޫތް އެސޯސިއޭޝަނަށް ޝުކުރު ދެންނެވިއެވެ. އަދި ހިޔާ އެސޯސިއޭޝަނުން ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން އެކި އުމުރުފުރައިގެ މީހުންނަށާއި ކުޑަ ކުދިންނަށް މިފަދަ މަދަހަ ޕްރޮގްރާމެއް އިންތިޒާމްކޮށްގެން ކުރިއަށް ގެންގޮސް، އެ ފަރާތްތަކުގެ ހުނަރު ރަށު ފެންވަރުގައި ދައްކާލުމުގެ ފުރުޞަތު ފަހި ކޮށްދިނުމުން ކޮމިޝަނަރ އެކަން ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ފާހަގަކުރެއްވީ ވޭތުވެ ދިޔަ 10 އަހަރަށް ބަލާއިރު އިޖްތިމާޢީ މައްސަލަތައް އުފަންވެގެން އައިސްފައިވަނީ ރާއްޖޭގެ މުޙިއްމު ރީތި އާދަކާދަ އާއި ޞަގާފީ ބައެއް ކަންކަން އުވިގެން ގޮސް، މީގެ ކުރިން މައްސަލައަކަށް ވީ ބައެއް ކަންތައްތައް މިހާރު މައްސަލައަކަށް ނުވެ، ބައެއް ކަންތައްތަކާ މެދު ދެކެވުނު ނަޒަރިއްޔާތު ބަދަލުވެ، ތަފާތު އެހެން އާދަކާދަތައް އައުމުގެ ސަބަބުންކަމަށެވެ. ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޢެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށާއި، ކުއްޖަކު ގޯސް މަގަކުންދާނަމަ، އަރލީ އައިޑެންޓިފިކޭޝަން ނޫނީ އެކަން ކުރިން ފާހަގަކުރަންޖެހޭ ކަމަށާއި އެއީ ހަމައެކަނި މައިންބަފައިންގެ ބޮލުގައި އެޅޭ ޒިންމާއެއް ނޫންކަމަށާއި، ޢާއިލާގެ އެހެން މެންބަރުންނާއި އަވައްޓެރިން އަދި މުޅި މުޖްތަމަޢުވެސް ކުއްޖާއަށް ހެޔޮ މަގު ދެއްކުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިކަންތައްތައް ޙައްލުކުރުމަށްޓަކައި ރަށްތަކުގެ ޖަމިއްޔާތަކުން ޒުވާނުން ބާރުވެރިކުރުވައި، ރިވެތި އާދަކާދަތައް އާލާކޮށް، އިޖްތިމާޢީ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްތައް ކުރަން ޖެހޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކޮންމެ ފަރުދެއްވެސް އަމިއްލަ ނަފްސު ތަރައްޤީކޮށް، އެހެން މީހުންނަށް ރަނގަޅު ނަމޫނާ އަކަށް ވުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.