ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނާއި އެމްސީއެސްގެ ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށް، ޔޫއެންއޯޑީސީއިން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި

ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

05 ދުވަހަށް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް،  ޔޫއެންގެ “މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް” އަށް އަޙުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. މިގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީ ލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެފައެވެ.

މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން، ޔޫއެންއޯޑީސީގެ ފަރާތުން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ކޯޑިނޭޓަރ ދުޝާންތީ ފަރނާންޑިސް، ނެޝަނަލް ޕްރޮގްރާމް އޮފިސަރަ މުޙައްމަދު އަރުޖުން، ޕްރިޒަން އެކްސްޕަރޓް ޔޯހަން މަޓްސް ފްރެޑެރިކް ޔޮނަސަން، ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޕްރިޒަން އެކްސްޕަރޓް އެލިއުދް އޮޕިލޯ އޮކެއްލޯ، ކޮމިޝަންޑް އޮފިސަރުންނާއި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ޔޫއެންއޯޑީސީގެ ވަފްދަށާއި ސްރި ލަންކާގެ ޕްރިޒަން އޮފިސަރުންނަށް މަރުޙަބާ ދަންނަވަމުން ވިދާޅުވީ މިފަދަ ޓްރޭނިންގ ޕްރޮގްރާމެއް ހޯސްޓުކުރާނެ ފުރުޞަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ. ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަދި ލޮކްޑައުންއަށް ދިއުމުގެ ސަބަބުން އެމްސީއެސްއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވަމުން، އެމްސީއެސްއިން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އަލި އަޅުއްވާލެއްވިއެވެ. މިގޮތުން ޖަލުތައް އިތުރަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކާއި އޮފިސަރުން ކޮންމެ ދުވަހަކު ބަލީގެ ޢަލާމަތްތަކަށް ސްކްރީންކުރުމާއި، ކްލެމެންސީ އަދި ޕެރޯލްގެ ދަށުން ޝަރުޠު ހަމަވާ ފަރާތްތައް ދޫކުރުމާއި، ދާއިމީ ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތައް ގެއަށް ވަގުތީ ގޮތުން ބަދަލުކުރުމާއި، ޖަލަށް މީހުން ވަދެ ނިކުތުން ބަންދުކުރުމާއި، ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް ސިއްޙީ ފަރުވާ އަދި ކޯޓު ޝަރީޢަތްތަކަށް ގެންދިއުން މެދުކަނޑާލުން ފަދަ ކަންތައްތައް ހިމެނޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މި ކަންތައްތަކަށް ޒަމާނީ ޙައްލުތައް ހޯދަން މަސައްކަތްކޮށް، ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކަށް ޢާއިލާ އަށާއި ވަކީލުންނާ ގުޅުން ބޭއްވުމުގެ ގޮތުން އިތުރަށް ފޯން ކޯލް ދިނުމާއި ވީޑިއޯ ކޯލް ތަޢާރަފްކުރުމާއި ވިޑީއޯ މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވެވޭނެ އަދި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސިގެން ދިއުންކަމަށާއި ޖަލުގައި ތިބި ފަރާތްތަކަށް ޢާއިލާއިން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުނުކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން މާފުށީ ޖަލުގައި އިތުރު ޚިދުމަތްތަކާއެކު އައު މެޑިކަލް ސެންޓަރެއް ހުޅުވުނު ކަމަށާއި އައިޖީއެމްއެޗްއާއެކު ސްޕެޝަލިންޓުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޖަލުގައި ތިބެގެން ދެއްކޭނެ ގޮތާބެހޭ އެމްއޯޔޫއެއްގައި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ޤައިދީންނާއި ބަންދުމީހުންގެ %84 ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %73 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން %94 ވެކްސިންގެ ފުރަތަމަ ޑޯޒް އަދި %91 ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމާލައްވަމުން އެމްސީއެސްގެ އޮފިސަރުން ލޮކްޑައުންތެރޭގައި ޢާއިލާއާ ދުރުގައި ޖަލުގައި ބަންދުވެ ތިބެ ވީ ޤުރުބާނީ އާއި ކުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ޔޫއެންއޯޑީސީއިން ދެއްވަމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް އަލިއަޅުއްވާލައްވައި، ޔޫއެންއޯޑީސީއަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ޑައިނަމިކް ސެކިއުރިޓީ އެޕްލިކޭޝަން، ހިއުމަން ރައިޓްސް، މަންޑޭލާ ރޫލްސް، ކޯޑް އޮފް އެތިކްސް، ކޮންޓިންޖެންސީ ޕްލޭނިންގ، ޔޫސް އޮފް ފޯސް ކޮންޓިނުއަމް، އިންސިޑަންޓް މެނޭޖްމަންޓް، ޕްރޮސީޖުރަލް ސެކިއުރިޓީ – އެސްކޯޓްސް، ކަރެކްޝަންސް ލެވެރޭޖް އޮން ޓެކްނޮލޮޖީ – ޕޯސްޓް ޕެންޑެމިކް ފަދަ މޮޑިއުލްތައް ކިޔަވާދޭނެއެވެ.