އައްސޭރި ޖަލުގައި ޤައިދީން ޓީބީއަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރުކުރުމުގެ ގޮތުން، އެޗްޕީއޭ އަދި އައިޖީއެމް ހޮސްޕިޓަލްގެ ޓީމެއް ވަނީ 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރަތްކޮށް، އެ ޖަލުގައި މަސައްކަތްކުރާ ހަތަރު ނަރުހަކަށާއި ހިންމަފުށި ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ޓީބީ އާއި ސާމްޕަލް ކަލެކްޝަން އާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

އައްސޭރި ޖަލުގެ ހުރިހާ ޤައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މިއަދު 71 ޤައިދީންގެ ސާމްޕަލް ވަނީ ނަގާފައެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ރެންޑަމްކޮށް އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.