މާފުށީ ޖަލުގެ އައު އޮފީސް އިމާރާތް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ އައު އޮފީސް އިމާރާތަށް ބޭނުންވާ ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ސާފުކުރަން ފެށި ބިމަކީ ދުވަސްވެ، ބާވެފައިވާ ކުރީގެ އިމާރާތެއް ހުރި ބިމެކެވެ.

މާފުށީ ޖަލުގައި އައު އޮފީސް އިމާރާތެއް އެޅުމުގެ ބޭނުމަކީ މިހާރު ހުރި އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކޮށް އެކި އިމާރާތްތަކަށް ބެހިފައިވާ ޑިޕާރޓްމަންޓްތައް އެއް އިމާރާތަކަށް ބަދަލުކުރުމެވެ. އެހެންކަމުން އައު އިމާރާތް އެޅުމުން ޖާގައިގެ ދަތިކަން ހައްލުވެ، އޮފިސަރުންނަށާއި ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ކުރިއަށްވުރެ އަވަސް އަދި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭނެވެ. މީގެ އިތުރުން ސެކިއުރިޓީ ކަންކަންވެސް ފަސޭހަވެ، އޮފިސަރުންނަށް މަސައްކަތްކުރުމަށް ރަނގަޅު މާހައުލެއް ތަނަވަސްވެ، ގައިދީންނަށް ހިދުމަތްތައް ދިނުމުގައި ކުރިއަށްވުރެ އަވަސްވެގެންދާނެއެވެ.

އައު އިމާރާތް އެޅުމަށް ނިންމާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މާފުށީ ޖަލުގެ އޮފިސަރުންނާ، އީ.އެސް.ޖީ އަދި އައިކޯސްޓްގެ އޮފިސަރުން ގުޅިގެންނެވެ.