ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލުގެ އޮފިސަރުން މިއަދު އެ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.
މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި މަސައްކަތަކީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެގައި 30 ދުވަހަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި ޖަލުތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކަލައްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
މި ގޮތުން މި ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ޤައިދީންނާއި ބަންދުމީހުން ބޭނުންކުރާ ޢާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާފުށީ ޖަލު ސާފުކޮށް ޑިސްއިންފެކްޓްކުރުމުގެ ހަރަކާތުގައި ޤައިދީންނާއި ބަންދުމީހުންނަށް ކޯވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ވެސް ހިއްސާކުރެވޭނެއެވެ.