މިޑްލް މެނޭޖަރުންނަށް އަމާޒުކޮށް، މެނޭޖްމަންޓް ޓްރެއިނިންގ ވޯކްޝޮޕެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މިޑްލް މެނޭޖަރ އޮފިސަރުންނަށް އަމާޒުކޮށްގެން މެނޭޖްމަންޓް ޓްރެއިނިންގ ވޯކްޝޮޕެއް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.
މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި، ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި، ވަރކްޝޮޕްގައި ބައިވެރިވާ އޮފިސަރުން ބައިވެރިވިއެވެ.
މި ވަރކްޝޮޕަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާ ގުޅިގެން 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާގޮތަށް ފެށި ވަރކްޝޮޕެކެވެ.
ވަރކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މުއައްސަސާއެއް ކުރިއަރައިގެން ދާނީ، މުވައްޒަފުންގެ ހުނަރާއި ޤާބިިލުކަން އިތުރުކޮށްގެން ކަމަށެވެ. މީގެއިތުރުން މުވައްސަސާއިން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން ވިދާޅުވީ، އޮފިސަރުން ކުރާ މަސައްކަތަކީ އެމީހުންނާ ޙަވާލުކުރެވިފައިވާ އިޖުތިމާޢީ މަސައްކަތެއް ކަމަށާއި، މިއީ ވަރަށް ބޮޑު އަދި އެހާމެ މުހިންމު ޒިންމާއެއް ކަމަށެވެ.

Maldives Correctional Service
ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ މަޤްޞަދަކީ، މުއައްސަސާގެ މުވައްޒަފުންގެ ހުނަރުތަކާއި، ޢިލްމު ތަރައްޤީކުރުން ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުރިން ނޭނގޭ ގިނަ އެއްޗެހިތަކެއް ދަސްވުމުގެ އިތުރުން، ލިބިފައިިވާ ޢިލްމާއި ހުނަރުތައް ވެސް އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އިތުރަށް ސީޕީ ވިދާޅުވީ ޤައިދީންގެ އުޅުން ދެނެގަންނަން ޖެހޭ ކަމަށާއި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެމީހުންނަށް ކުރެވުނު ކުށް އަންގައިދިނުން ނޫން ކަމަށާއި، އެމީހުންނަށް އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތު ދިނުން ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކި ޑިޕާޓްމަންޓްތައް ހިމެނޭގޮތަށް 24 އޮފިސަރުން ބައިވެރިވާ މި ވަރކްޝޮޕްގައި ކިޔަވައިދެއްވާނީ، އައިސީއާރުސީގެ ބޭފުޅުންނެވެ.