އާއިލާތަކަށް ބައްދަލުކުރަން ފަސޭހަ ތަނެއްގެ ގޮތުގައި ފަރުމާކޮށް މާލެޖަލުގެ ބައްދަލުވުންތައް ހަމަޖައްސައިދޭން ފަށައިފި

މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންނާއި ބައްދަލުކުރުމަށް އެމީހުންގެ ޢާއިލާތަކުން އަންނައިރު ބައްދަލުކުރުމުގައި ބައިވެރިކުރާ ތުއްތު ކުދިންނަށްވެސް އެކަށީގެންވާ މާހައުލެއް ޤާއިމުކުރެވިފައިވާ ތަނެއްގެ ގޮތުގައި ބައްދަލުކުރާތަން އަލުން ފަރުމާކޮށް އެތަން ބޭނުންކުރަން ފެށުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މާލޭ ޖަލަށް ޒިޔާރަތްކުރައްވާ، އެމަސައްކަތުގައި ބައިވެރިވި ޖަލު އޮފިސަރުންނާއި މުވައްޒަފުންނާއި ޤައިދީންނަށް ޝުކުރުއަދާކުރައްވައިފިއެވެ.

މި މަސައްކަތަކީ މާލޭ ޖަލުގެ ޑައިރެކްޓަރ، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާސިފް އިސްވެ ހުންނަވައިގެން ބައެއް ޤައިދީންނާއި ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ބައްދަލުކުރާ ތަން މިހާރު ފަރުމާކުރެވިފައިވަނީ ބައްދަލުވުން ހިނގަމުންދާ ވަގުތު ބެލެނިވެރިއާއަށް ފެންނަ ހިސާބުގައި ތުއްތު ކުދިން ކުޅިވަރުކުޅެން ދޫކޮއްލާފައި ބެހެއްޓިދާނެ ތަންކޮޅަކާއެކީގައެވެ.

ޖަލުގައި ތިބޭ މީހުންގެ އާއިލާތަކާއި ޖަލުގައި ހުންނަ މީހާއާއި ބައްދަލުވުމުގެ ފުރުޞަތު ވީހާވެސް ގިނައިން ތަނަވަސްކޮއްދޭން މަސައްކަތް ކުރަންވާނެކަމަށާއި ޢާއިލާއާއި އޮންނަންޖެހޭ ގުޅުން ހީނަރުވެގެން ދިޔަ ނުދިނުމަކީ ކުށުގެ ވެށިން މީހުން ދުރުކޮށް ސަލާމަތްކުރުމަށް ކުރެވިދާނެ ގިނަ މަސައްކަތްތަކުގެ ތެރޭން މުހިއްމު އެއްމަސައްކަތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަންދުﷲ މުނާޒު ވިދާޅުވިއެވެ.