އިންމޭޓްސް ކުރިއޭޓިވިޓީ ފެއާ 2019 މާފުށީގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމްކޮށްގެން ބާއްވާ އިންމޭޓްސް ކްރިއޭޓިވިޓީ ފެއާ 2019 މާފުށީ ސުކޫލުގައި މިއަދު ފަށައިފި އެވެ. މިއީ ސިލްސިލާކޮށް މި ފެއާ ބާއްވާތާ 8 ވަނަ ފަަހަރެވެ.

މި ފެއާ ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް ޢިމްރާން ޢަބްދުﷲ އާއި ގިނަ ޢަދަދެއްގެ މިނިސްޓަރުން މި ފެއާގައި ބައިވެރިވެވަޑައިގަތެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ ފެއާއަކީ، ޤައިދީންގެ އަމިއްލަ މަސައްކަތުން އެމީހުންގެ ހުނަރުތައް ބޭނުންކޮށްގެން އުފައްދާ ތަކެތި ޢާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ބާއްވަމުންގެންދާ ފެއާ އެކެވެ. އަދި މިފެއާގައި ހިމެނޭ ތަކެއްޗަކީ، ފެއާ ހިނގަމުންދާ ވަގުތު ގަންނަން ލިބޭގޮތަށް ބެހެއްޓިފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި، ޤައިދީން ހައްދާ މޭވާއާއި، ތަރުކާރީ ގެ އިތުރުން އެކި ވައްތަރުގެ ގަހާއި ޤައިދީން ކުރާ އަތްތެރި މަސައްކަތުން އުފައްދާ ތަފާތު އެކި ވައްތަރުގެ ތަކެތި ހިމެނެ އެވެ.Maldives Correctional Service

ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޖަލަށް މީހުން ލަނީ އެމީހުންގެ އިޞްލާޙު ކުރުވާ، ހުނަރާ، ރިވެތި ސިފަތަކާއި ޢީލްމު ދަސްކޮށްދިނުމަށްކަމަށެވެ. އަދި މޯލްޑީވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގާ މިފަދަ ޕްރޮގްރާމްތަކަކީ، އެމަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމްތަކެއް ކަމަެވެ.

“ޖަލަށް މީހުން ލަނީ، އެމީހުންނަށް އަދަބު ދިނުމަށް ވުރެ ބޮޑަށް އެމީހުންގެ އުޅުން އިޞްލާޙު ކުރުވުމަށް. އަދި އެމީހުންނަށް ވެސް ހުނަރުތަކެއް ދަސްކޮށްދީ، ރިވެތި ސިފަތައް ދަސްކޮށްދީ، އެމީހުން ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި އެމީހުންނަށް ޢިލްމު އުނގަންނައިދީ، އެމީހުންނަކީ ވެސް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހެދުމަށް. މިފަދަ ޕްރޮގްރާމްތައް ހިންގަނީ މި މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި.” މިނިސްޓަރ ވިދާޅުވި އެވެ.

Maldives Correctional Service

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މިފަދަ ފެއާތަކުގެ ސަބަބުން ޤައިދީންގެ ހުނަރުވެރިކަން ވަރަށް ފުރިހަމަކޮށް ދައްކައިދޭކަމަށެވެ. އަދި އިތުރަށް މަސައްކަތްކުރެވިއްޖެނަމަ، މީގެ ސަބަބުން މުޖުތަމަޢަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ޤައިދީންނަށް އެމީހުން ކުރާ މަސައްކަތްތަކަށް ދޭ އުޖޫރަ މިހާރަށްވުރެ ބޮޑުކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވ

ކަރެކްޝަނަލް ސަރވިސް އިން ހިންގާ މިފަދަ ފެއާތައް ބޭއްވުމުގެ މަޤްޞަދަކީ، ޤައިދީންގެ ހުނަރުވެރި މަސައްކަތްތައް ޢާންމުންނާއި ހަމައަށް ގެނެސްދީ، އެމީހުން އަނބުރާ މުޖުތަމަޢަށް ނުކުންނަ އިރު އެމީހުންނަކީ ވެސް މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ހަދައި، އެމީހުންނަށް ވެސް މުޖުތަމަޢުގެ ތެރެއިންް ފުރުޞަތުތައް ހޯދައިދިނުމެވެ. އަދި މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.