މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުޅުމާލޭ ޖަލުގައި ޤާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް މިއަދު ހުޅުވައިފި އެވެ. ޔުނިޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިޚް ޢިމްރާން ޢަބްދުﷲއެވެ.
ހުޅުމާލެ ޑިޓެންޝަން ސެންޓަރަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާ ލެވެންދެން، މި މުއައްސަސާގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ. މިއަދު ހުޅުވި ޔުނިޓަކީ ދެ ގޮޅި ހިމެނޭ ހިމެނޭގޮތަށް، މަންޑޭލާ ރޫލްސްގައި ހިމެނޭ މިންގަނޑަށްވުރެ ރަނގަޅަށް ތައްޔާރުކުރެވިފައިވާ ޔުނިޓެކެވެ.
މިއަދު ހުޅުވި ޔުނިޓްގެ ކޮންމެ ގޮޅިއެއްގައިވެސް ގިނަވަގެން 20 މީހުން ބައިތިއްބާ އިރު، އެމީހުން ނިދުމަށް ކޮންމެ ގޮޅިއެއްގައިވެސް ބަންކް ބެޑް ބަހައްޓާފައި ހުންނާނެ އެވެ. 28 ފޫޓް 17 ފޫޓްގެ ދެ ގޮޅި ހިމެނޭ ގޮތަށް ހަދާފައިވާ މި ޔުނިޓް ތައްޔާރުކޮށްފައިވަނީ، ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށް، ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅީން ބޭރުގައި ވަގުތު ހޭދަކުރެވޭނެގޮތަކަށެވެ. އަދި، މި ހުސްބިމުގައި ކައިބޮއި ހެދުމަށްޓަކައި މެސްރޫމެއް ވެސް ހެދިފައި ވާއިރު، މި ސެންޓަރުގެ ތެރޭގައި ބަންދުގައި ތިބޭ މީހުން ނަމާދު ކުރުމަށްޓަކައި ވެސް ވަކި ޔުނިޓެއް ވަނީ ޚާއްޞަ ކުރެވިފަ އެވެ.
ޔުނިޓް ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބޭރުމީހުންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށާއި، މި މިއީ އަވަސް ޙައްލެއް ބޭނުންވެފައިވާ މައްސަލަ އެއް ކަމަށެވެ.
“ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބޭރުމީހުންގެ މައްސަލައަކީ ބޮޑު މައްސަލަ އެއް. ޙައްލުކުރަން ބޭނުންވެ، އެކަށީގެންވާ ޙައްލެއް ހޯދިފައި ނުވާ މައްސަލަ އެއް. އެކަމަށް އެކަށީގެންވާ ޙައްލެއް ގެނައުމަކީ، މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް.” މިނިސްޓަރ ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
“އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކާއި، ކުރަން ޖެހޭ ކަންކަން ކުރުމުގައި، ބައިނަލް އަޤްވާމީ މިންގަނޑުތަކާ ދިވެހިރާއްޖޭގެ ޤާނޫނުތަކާ އަދި އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން މިދަނީ މަސައްކަތްތަކެއް ކުރަމުން.” މިނިސްޓަރ ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، އަލަށް ޤާއިމް ކުރެވުނު މި ޔުނިޓްތަކަކީ، މަންޑޭލާ ރޫލްގެ މިނިމަމް ސްޓޭންޑެޑަށް ފެތޭނެހެން ހެދިފައިހުރި ޔުނިޓްތަކެއް ކަމަށެވެ.
“މި ޔުނިޓްތައް ޤާއިމްކުރެވިފައި މިވަނީ، މަންޑޭލާ ރޫލްގެ މިނިމަމް ސްޓޭންޑެޑަށްވުރެ ރަނގަޅަށް. އެހެންވީމާ، މި ޔުނިޓްތަކުގެ ފެންވަރު މި ސަރވިސްގެ ޖަލުތަކަށް ވުރެ ޔަޤީނުން ވެސް ދަށެއް ނުވާނެ. މީގެ ކުރިން މި ޔުނިޓްތަކުގައި ކުޑަ އެންމެ ޔުނިޓެއްގެ ތެރޭގައި 60 ހާ ގާތްކުރާ އަދަދަކަށްވެސް މީހުންތިބޭ. އެމީހުން ނިދާކަށް އެނދުތަކެއް ވެސް ބެހެއްޓިފައެއް ނެތް. ނަމަވެސް އަލަށް މިޤާއިމް ކުރެވުނު ޔުނިޓްތައް އެއަށްވުރެ ފެންވަރު ރަނގަޅު ވާނެ.” ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވި އެވެ.
މީގެއިތުރުން ސީޕީ ވިދާޅުވީ، މި ޔުނިޓްތަކުގައި ބައިތިއްބާފައި ތިބޭ މީހުންނަކީ، ކުށެއްކޮށްގެން ބައިތިއްބާފައި ތިބޭ ބައެއް ނޫންކަމަށާއި، އެމީހުންނަކީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލެވެންދެން މި ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައި ތިބޭ ބައެއް ކަމަށެވެ. އެހެންކަމުން އެމީހުންނާ ދޭތެރޭގައި ވެސް ޢަމަލުކުރަންވާނީ، އިންސާނީ މިންގަނޑަށް ފެތޭނެހެން، ހެޔޮކޮން ކަމަށެވެ.
“އަޅުގަނޑުމެން ވިސްނި ކަމަކީ، މި ޔުނިޓްތަކުގައި މިތިބޭ މީހުންނަކީ، ކުށެއްކޮށްގެން ބަންދުގައި ބައިތިއްބާފައި ތިބި ބައެއް ނޫނޭ. އަދި ގިނަ މީހުންތަކެއް އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ ކަމަށްވަންޏާ، ބަލިމަޑުކަމެއް ވެސް އޭގެ ސަބަބުން ފެތުރިދާނެއޭ. އެހެންވީމާ، އެފަދަ ކަންކަން ކުރިމަތި ނުވާނެ ފަދަ ގޮތަކަށް މި ޔުނިޓްތައް ޤާއިމްކުރެވެން ޖެހޭނެއޭ.” ސީޕީ ވިދާޅުވި އެވެ.
ޖަލުތަކުގެ ޙާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ، އެންމެ ބޮޑު އަމާޒުކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ. އަދި، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވެމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.