މާފުށީ ޖަލާއި އީއެސްޖީގެ އަހަރީ ދުވަސް ފާހަގަކޮށްފި

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާފުށީ ޖަލުގައި ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ޙަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ކޮމިޝަންޑް ރޭންކުގެ އޮފިސަރުން ބައިވެރިވިއެވެ.

މި ޙަފްލާގައި ވޭތުވެދިޔަ ވިހި އަހަރުގެތެރޭގައި މާފުށީ ޖަލުގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ވަނީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަނެގުމާއި ވޭތުވެދިޔަ އަހަރު މާފުށީ ޖަލު ހިނގާދިޔަގޮތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ދެއްކުން އޮތެވެ. އަދި ވޭތުވެދިޔަ އަހަރު މާފުށީ ޖަލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު އޮފިސަރުންނަށް އެކަމުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

އަދި މި ރަސްމިއްޔާތުގައި އީއެސްޖީގެ އޮފިސަރުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ އޮފިސަރުންނަށްވެސް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ވަނީ ޙަވާލުކޮށްފައެވެ.

ޙަފްލާ ނިމިގެންދިޔައީ އަހަރީ ދުވަހަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ކޭކު ފެޅުމަށް ފަހުއެވެ.