ދިވެހިރާއްޖޭގެ ޕެނިޓެންޝަރީ ނިޒާމުގައި މިއަދު މިދިޔައީ ރަސްމީ އޮނިގަނޑެއް ތަޢާރަފްވެގެންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ. ޖަމީލް މިހެން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީޕީއާރުއެސް) އަށް 41 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) މުޙައްމަދު ފަޔާޒް އާއި ޑީޕީއާރުއެސް ގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި މި ސަރވިސަސްގެ ގިނައަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޙުކުމް ތަންފީޒުކުރާ އިދާރާ ގެންގުޅެމުންދިޔަ ބޯދާގޮތް ދޫކޮށް އަލަށް މި ގެނެވުނު ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްކަމަށާއި، އެ ބަދަލުގެ ނަތީޖާ ވަރަށް ރަނގަޅުވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ޕެނިޓެންޝަރީގައި މިއަދު މިދިޔައީ ރަސްމީ އޮނިގަނޑެއް ތަޢާރަފްވެގެންކަމަށާއި އޮފިސަރުންގެ ކުރިއެރުން ބިނާވެފައި އޮންނަންވާނީ ވަކި ސިޔާސީ މަޤާމެއްގައި ހުންނަ ނުވަތަ އެއިރެއްގަ ހޯމް މިނިސްޓަރަކަށް ހުންނަ ބޭފުޅެއްގެ ހެޔޮއެދުމެއްގެ މައްޗަށް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.