އިމަޖެންސީ ސަޕޯރޓް ގްރޫޕް

އިމަޖެންސީ ސަޕޯރޓް ގްރޫޕް ނުވަތަ އީ.އެސް.ޖީ އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތަކުގެ ޕެރިމީޓަރ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި އިމަޖެންސީ ޙާލަތްތަކުގައި ޖަލުތަކަށް އިމަޖެންސީ ސަޕޯރޓް ދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ގްރޫޕެކެވެ. އީ.އެސް.ޖީ އުފެދިފައިވަނީ 17 ނޮވެމްބަރ 2007 ގައެވެ.

އިމަޖެންސީ ސަޕޯރޓް ގްރޫޕް ވުޖޫދުވެ، 7 ވަނަ އަހަރީ ދުވަސް އައިއިރު ވަނީ ވަރަށްބޮޑެތި ކުރިއެރުންތަކެއް ޙާޞިލް ކޮށްފައެވެ. އަދި ވަރަށް ގިނަ ތަޖުރިބާތަކެއްވެސް ވަނީ ކުރެވިފައެވެ. ރާއްޖޭގެ ޖަލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައި، އެކި ދުވަސްވަރުގައި ކެތްތެރިކަމާއި ހިތްވަރު ވަނީ ދައްކާފައެވެ. އީ.އެސް.ޖީ އަކީ ރަނގަޅު ބިންގަލެއްގެ މަތީގައި ބިނާކުރެވިފައިވާ ރަނގަޅު ބިނާއެއްކަން ވަނީ ސާބިތުކޮށްދީފައެވެ. އެކިދުވަސްވަރު އެކިފަރާތްތަކުގެ ނުފޫޒު އީ.އެސް.ޖީ ގެ އެތެރެއަށް ވެއްދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ނަމަވެސް އެ ހަރުފަތްތައް ގިރާކޮށް މިއަދު މިދެކޭ އީ.އެސް.ޖީ، އީ.އެސް.ޖީ ގެ ގޮތުގައި ފޯރމްވެފައި އޮތުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކު އެކަމާއި ފަޚުރުވެރިވާނެ ކަމެއްކަމާއިމެދު ޝައްކެއް ނެތެވެ.

އީ.އެސް.ޖީ އުފެދުމުގެ ކުރިން ޖަލުގެ ޙާލަތު އޮތްގޮތް ވަރަށް ތަފާތެވެ. މުވައްޒަފުން ޑިއުޓީއެއް ނިންމާލާއިރު އެތައް ތަކުލީފަކާއި ތުރާލެއް ނުޖެހޭ ދުވަހެއް ނުދެއެވެ. އެތައް ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހެއެވެ. ކޮންމެ ދުވަހެއްގައި ދިމާވާ ޙާދިޘާ ތައް ބަޔާންކުރުމަކީ ދަތި ކަމެކެވެ. މުޅި ޖަލުގައި އޮންނަނީ ކުށްވެރިންގެ ބާރެވެ. ކުށްވެރިން ބޭނުންގޮތަކަށް ބޭނުންއިރަކު ބޭނުންކަމެއް ކުރެވެއެވެ. އެހެންކަމުން ޖަލުގައި ހިނގާ ނެދެވޭ ޙާދިޘާތައް ވަރަށް ގިނައެވެ.

2007 ވަނަ އަހަރާއި ހަމައަށް ޖަލުތަކުގެ ފުރިހަމަ ކޮންޓްރޯލް ޖަލު ބަލަހައްޓާ ފަރާތްތަކަށް ލިބިފައި ނެތްނަމަވެސް 2007 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖަލުތަކުގެ ފުރިހަމަ ކޮންޓްރޯލް، ޖަލުބަލަހައްޓާ ފަރާތްތަކުން ނެގިއެވެ. އެއީ އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ވުޖޫދުވުމާއި ހަމައިންނެވެ.

އީ.އެސް.ޖީ އުފެއްދުމަށްޓަކައި ޖަލުގެ ޑިއުޓީތަކަށް އޭރުވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެ ބަދަލުތަކާއި އެކު މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޖަލުތަކުގައި ޑިއުޓީ އަދާކުރާއިރު ދިމާވާ ދަތިތައް ވަނީ ކުޑަކުރެވިފައެވެ. އަދި ޖަލުގެ ކޮންޓްރޯލް ލިބިފައިވުމުން އެލިބޭ ހިތްހަމަޖެހުން ދެމެހެއްޓުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި ކޮންމެ މުވައްޒަފަކުވެސް އެމީހަކާއި ޙަވާލުވެފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.

އިމަޖެންސީ ސަޕޯރޓް ގްރޫޕް ފޯރމް ކުރުމަށްޓަކައި ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ވަނީ ލިބިފައެވެ. އަދި ވަރަށް ގިނަ އޮފިސަރުންތަކެއް ވަނީ އެތައް ޤުރުބާނީއެއް ވެފައެވެ. އެހެންކަމުން އީ.އެސް.ޖީ ގެ 7 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި އީ.އެސް.ޖީ އުފެއްދުމުގައި މަސައްކަތް ކޮށްދެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ވެދުންކުރަމެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިމަޖެންސީ ސަޕޯރޓް ގްރޫޕް ގައި މަސައްކަތް ކުރާ ހުރިހައި އޮފިސަރުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ވެދުންކުރަމަވެ.