މާފުށީ ޖަލުގެ ސްޓާފް އޭރިޔާ ކުނިކެހުމުގެ މަސައްކަތުގައި އަންހެން ޤައިދީން

ޤައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ އެމީހުންނަށް ފައިދާއާއި މަންފާ ލިބޭނެ ދުވަސްތަކަކަށް ހެދުމުގެ މަޤްޞަދުގައި މާފުށީޖަލުގައި ތިބޭ އަންހެން ޤައިދީން ލައްވައި ސްޓާފް އޭރިއާ ކުނިކެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިމަސައްކަތް މީގެ ކުރިން ކުރަމުންއައީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ މުވައްޒަފުން ލައްވައެވެ. އެހެންކަމުން މިމަސައްކަތް ކުރުމަށް އެކަށީގެންވާ ވަރަށް މުވައްޒަފުން އިތުރު ކުރުމަކީ މުސާރައިގެ ގޮތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެލަވަންސް އުޞޫލުން ޤައިދީން ލައްވާ މިމަސައްކަތް ކުރުވުމުން މިކަމަށް ކުރާ ޚަރަދު އެތައް ގުނައަކަށް ކުޑަވެގެން ދާނެއެވެ. އަދި ޤައިދީން ކުރާނެ މަސައްކަތެއްނެތި ގޮޅިތެރޭ ތިބެގެން ވިސްނާ ނުރަނގަޅު ވިސްނުންވެސް ހަނިކުރެވި ޤައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ ޤައިދީންނަށް މަންފާ ކުރުވަނިވި ދުވަސްތަކަކަށްވެ، ޤައިދީން ރަނގަޅު ގޮތުގައި އަބުރާ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ފުޅާވެގެން ދާނެއެވެ. މިމަސައްކަތް ކުރުމަށް އަންހެންޖަލުގެ 13 ޤައިދީން ޙަރަކާތްތެރި ވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުންވެސް ޤައިދީންނަށް އަމާޒްކޮށްގެން އަންހެން ޖަލުގައި ތަފާތު ޕޮރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން މިހާރުވެސް ޤާރީ ކޯސް ލެވެލް 2 އަދި ލެވެލް 3 ގެ ކޯސްތަކާއި، ޤްރުއާން ބޭސިކް އުގަންނައި ދިނުމާއި، އިސްލާމް މާއްދާ އުގަންނައިދިނުމާއި އަދި އެގްރިކަލްޗަރ ކޯހެއް ކުރިއަށް ގެންދެއެވެ. މިޕްރޮގްރާމް ތަކުގައި އަންހެންޖަލުގެ 90 އިންސައްތަ ޤައިދީން ބައިވެރިވެއެވެ.