މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންވެސް ތިއްބަވަން ވާނީ އަބަދުވެސް ތައްޔާރީ ހާލަތުގައިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވިދާޅުވެއްޖެއެވެ.
ސީޕީ ޝިހާން މިހެން ވިދާޅުވީ އައްސޭރި ޖަލުގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ އެޖަލުގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ސީޕީ ޝިހާން އިތުރަށް ވިދާޅުވީ އެލާޓް ތެރޭގައި މި ސަރވިސްގެ ހުރިހާ އޮފިސަރުން ކުރައްވަމުންގެންދަވާ ބުރަމަސައްކަތް ފާހަގަކޮށް ހުރިހާ އޮފިސަރުންނަށް ޝުކުރު އަދާ ކުރައްވަވާ ކަމަށެވެ.
އައްސޭރި ޖަލަކީ ޤައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ދޫކުރުމަށްޓަކައި އެމީހުންނަށް މަސައްކަތް ދަސްކޮށްދީ އެމީހުންލައްވާ މަސައްކަތް ކުރުވާ ޖަލެކެވެ. އެގޮތުން ދަސްކޮށްދެވޭ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމަށާއި ރޭނުމުގެ މަސައްކަތް ތަކާއި ވަޑާން ކުރުމުގެ މަސައްކަތްތަކުގެ އިތުރުން ވޮކޭޝަނަލް މަސައްކަތްތަކާއި ވެލްޑިންގކުރަން ދަސްކޮށްދިނުމާއި އިލެކްޓްރިކަލް މަސައްކަތްތައް ހިމެނެއެވެ.