މާފުށީ ޖަލުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމް ތަކުގެތެރެއިން ދަނޑުވެރިކަންކުރާ ސަރަހައްދު ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އިއްޔެ ބައްލަވާލައްވައިފިއެވެ.
މާފުށީ ޖަލުގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްލަވާލައްވާ ސީޕީ ޝިހާން އާ ޑީސީޕީ ޒިލާލް ވަނީ އެތަނުގައި މަސައްކަތްކުރާ ޤައިދީންނާ ބައްދަލުކުރައްވާ މައުލޫމާތު އޮޅުން ފިލުއްވާފައެވެ. ދަނޑުވެރި މަސައްކަތުގައި އުޅޭ ޤައިދީންވަނީ އެމީހުންގެ އަމިއްލަ މަސައްކަތުން ތައްޔާރުކޮށް އުފައްދާފައިވާ ތަކެތި ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާގޮތުގެ މައުލޫމާތުވެސް ހިއްސާ ކޮށްފައެވެ.
އެމްސީއެސް އިން ޖަލުތަކުގައި ޤައިދީން ރިހެބިލިޓޭޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އެގޮތުން އެ ޤައިދީންނަކީ ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ކިޔަވައިދީގެންނާއި އެމީހުންނަށް މަސައްކަތް ދަސްކޮށްދީގެން ތަފާތު ހުނަރު ތަރައްގީ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.
އެމްސީއެސްގެ ޖަލުތަކުގައި ޤައިދީންނަށް ތަފާތު ކޯސްތައް ކުރިއަށް ގެންދާއިރު، 2016ވަނަ އަހަރު އެމްސީއެސް އިން ވަނީ މުޅިންއަލަށް “ރިހެބިލިޓޭޝަން ފްރޭމްވަރކް” އިފްތިތާހްކޮށް، އެ ފްރޭމްވަރކާއި އެއްގޮތަށް އަމަލުކުރަން ފަށާފައެވެ. މި ފްރޭމްވަރކްގައި މައިގަނޑު ހަތަރު ފޭސް އެކުލެވިގެންވެއެވެ. އެއީ ޤައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމަށާ އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާ “އެޑިއުކޭޝަން އަދި ވޮކޭޝަނަލް” ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް”އެވެ. މިއިން ކޮންމެ ފޭސްއެއްގައި ހާސިލްކުރަންޖެހޭ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ދަނޑުވެރިކަމުގެ މަސައްކަތްތައް ހިމެނިފައިވަނީ ފޭސް ހަތަރެއްގައެވެ.