ކުރިއަށްއޮތްތަނުގައި އިތުރު އަހުލުވެރި މަރުކަޒުތަކެއް ހުޅުވިގެން ދާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވިދާޅުވެއްޖެއެވެ. ސީޕީ ޝިހާން މިހެން ވިދާޅުވީ ރޭ އެމްސީއެސް ތިލަފުށީ އަހުލުވެރި މަރުކަޒުގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސީޕީ ޝިހާން އިތުރަށް ވިދާޅުވީ ޤައިދީންނަށް މަސައްކަތް ދަސްކޮށްދީގެން އެމީހުންނަށް އާމްދަނީ ލިބޭގޮތައް އަހުލުވެރި މަރުކަޒެއް ހުޅުވިގެން ދިއުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުންކަމަށެވެ. އަދި އެކިއެކި ސިނާއީ ރޮނގުތަކުން ތަމްރީނުލިބިގެން ކޮމިއުނިޓީ ތެރޭގައި ޤައިދީން މަސައްކަތް ކުރުވުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.
މިހާރު ކުރަމުން ގެންދާ މަސައްކަތް ތަކުގެ އިތުރުން އެހެން ދާއިރާ ތަކުގައި މީހުން ޝާމިލު ކުރުވައިގެން މަސައްކަތް ކުރާނެ އަހުލުވެރިމަރުކަޒުތައް ކައިރި މުސްތަގުބަލެއްގައި ހުޅުވިގެންދާނެ ކަމަށާއި އެމަސައްކަތް ތަކުގެ ސަބަބުން އިތުރު ޤައިދީންނަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް ސީޕީ ޝިހާން ވިދާޅު ވިއެވެ. މީގެއިތުރުން އެމްސީއެސް ތިލަފުށީ އަހުލުވެރި މަރުކަޒަކީ ރިހެބިލިޓޭޝަން ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން ސިނާއީ މަސައްކަތް ކުރާ ތަނަކަށް ވާއިރު މިއީ ޤައިދީންނަށް ލިބިގެންދާ ވަރަށް ހާއްސަ ފުރުސަތެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ސަބަބަކީ ހުކުމެއް ތަންފީޒު ކުރަމުންދާ ދުވަސްވަރު ޖަލުގައި އެލަވަންސް ވަޒީފާއިން ލިބޭ އާމްދަނީއަށްވުރެން ރަނގަޅު އާމްދަނީއެއް ލިބޭތަނެއް ކަމަށްވާތީއެވެ.
ސީޕީ ޝިހާން އިތުރަށް ވިދާޅުވީ ތިލަފުށީ އަހުލުވެރި މަރުކަޒުގައި މިހާރު ތިބި ޤައިދީންނަށް ލިބޭ އާމްދަނީން ކޮންމެވެސް ވަރެއް ބާކީ ކުރަމުން ގެންދާ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ހުކުމް ތަންފީޒުކޮށް ނިމިގެން މުޖުތަމައުއަށް – އެމީހުންގެ އާއިލާއަށް – ރުޖޫއަވާއިރު ކޮންމެވެސް މިންވަރެއް ރައްކާ ކޮށްފައި ބަހައްޓާނެ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ އެކިއެކި ފަރާތްތަކާ ގުޅިގެން ޤައިދީންނަށް ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މުޖުތަމައަށް ދޫކުރާ ޤައިދީން އަނބުރާ ޖަލަށް ނާންނާނެ ބަޔަކަށް ހެދުމަށް އެމްސީއެސްއިން ކުރަމުންގެންދާ މަސައްކަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ގެންދަނީ ކުރަމުންނެވެ.