‏ނޫސް ބަޔާން‏

ޖަލުގައި ބަންދުކުރެވިފައި ތިބޭ މީހުންނަށް ލިބިދޭންޖެހޭ ޞިއްޙީފަރުވާއަކީ އަސާސީ ޙައްޤެކެވެ. އެހެންކަމުން ޞިއްޙީފަރުވާ ފޯރުކޮށްދިނުމުގައި މިސަރވިސްއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ބަހައްޓަމެވެ. އެގޮތުން ޞިއްޙީފަރުވާ ފޯރުކޮށްދިނުމުގެ ކަންތައްތަކާބެހޭ ގޮތުން މައުލޫމާތު ޙިއްސާކުރުމުގެ ގޮތުން 22 ޖުލައި 2017 ގައި ވާނީ “ޞިއްޙީ ފަރުވާ”ގެ ނަމުގައި އާޓިކަލްއެއް މިސަރވިސްގެ “ޕްރިޒަންސް ސްޓޯރީ” ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.

ނަމަވެސް ފަހަކަށް އައިސް ޖަލުގައި ތިބޭ މީހުންގެ ބޭސްފަރުވާއާ ބެހޭ ގޮތުން އެކިއެކި ވާހަކަތައް ދެއްކުން އިތުރުވެފައިވާއިރު މިސަރވިސް ބަދުނާމުކޮށް ބައެއް ވާހަކަތައް ފަތުރަމުންދާތީ، ބޭސްފަރުވާއާ ބެހޭ ބައެއް ތަފްސީލު ތިރީގައި ބަޔާން ކުރަމެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޤައިދީންނަށާއި ބަންދުމީހުންނަށް ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު ވާހަކަ ދައްކަމުން ގެންދާތީ އެކަން ކުށްވެރިކުރަމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެއްވެސް ޤައިދީއަކަށް ނުވަތަ ބަންދުމީހަކަށް ވަކި ފަރުވާއެއް ދިނުމަށް މަޖުބޫރެއް ނުކުރަމެވެ. އަދި މި ސަރވިސްއިން ޖަލުގައި ބަންދުކުރެވިފައިވާ މީހަކު ޑޮކްޓަރަށް ދައްކާނީ އެމީހަކު އެކަމަށް އެދުމުންނެވެ. އަދި ޑޮކްޓަރާ މުޢާމަލާތު ކުރާނީވެސް އެ މީހަކު އަމިއްލައަށެވެ. އެ މީހަކަށް ވަކި ބޭހެއް ދިނުމަށް ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް މި ސަރވިސްއިން ޑޮކްޓަރަކަށް ނުއަންގާނެއެވެ. އަދި ވަކިބާވަތެއްގެ އިންޖެކްޝަނެއް ޖެހުމަށް، ނުވަތަ ވަކި ސްކޭންއެއް ހެދުމަކަށްވެސް މި ސަރިވިސްއަކުން ނުނިންމަމެވެ. އެފަދަ ހުރިހާ ކަމެއް ނިންމަވާނީ އެ ޤައިދީ ނުވަތަ ބަންދުމީހާ ބައްލަވާ ޑޮކްޓަރެވެ.

މީގެ އިތުރުން، މި ސަރވިސްގެ މެޑިކަލް އޮފިސަރު ބެއްލެވުމަށްފަހު، ޖަލުގައި ބަންދުކުރެވިފައިވާ މީހަކަށް އިތުރުފަރުވާ ދިނުމަށް ރިފަރ ކުރައްވައިފިނަމަ، މި ސަރވިސްއިން އައިޖީއެމްއެޗް (ނުވަތަ ކަމާބެހޭ ޚާއްޞަ ފަރުވާ ލިބޭ އެހެން މަރުކަޒު) ގައި ނަން ނޯޓުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އެމީހެއްގެ ނަން ނޯޓުކޮށް “ނަންބަރަކަށް” އެދެމެވެ. ނަމަވެސް، ދައްކާނީ ކޮން ޑޮކްޓަރަކަށްކަން ނިންމާނީ އެ ޚިދުމަތްދޭ މަރުކަޒުންނެވެ. އެއްވެސް ޙާލެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަކި ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ ނުދެއްކުމަށް ނުނިންމަމެވެ.

ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އުސޫލު އޮންނަގޮތުން ބައެއްކަހަލަ ޞިއްޙީ ފަރުވާތަކަކީ ބަލިމީހާގެ ޢާއިލާގެ ބަހެއް (ކޮންސެންޓް) ހޯދައިގެން ދޭ ފަރުވާތަކެކެވެ. އެފަދަ ޙާލަތުގައި ޢާއިލާއިން އެކަމަށް އިންކާރުކުރާނަމަ އެ ފަރުވާއެއް އެތަނަކުން ނުދޭނެއެވެ. އަދި އެމްސީއެސްއިންވެސް އެކަމަކަށް އެ ޢާއިލާއަށް މަޖުބޫރެއް ނުކުރާނެއެވެ.

ޖަލުގައި ބަންދުކޮށްފައިވާ މީހުން ޑޮކްޓަރަށް ދައްކާގޮތުގެ ލިޔުންތަކަކީ ޢާއިލާއިން ބޭނުންވެއްޖެ ހިނދެއްގައި (ޖަލުގައި ބަންދުކުރެވިފައިވާ މީހާގެ އިޒުނައާއެކު) އެ އާއިލާއަކަށް ލިބެން ހުންނާނެ އެއްޗެކެވެ. އެފަދަ ހާލަތެއްގައި އެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޢާއިލާއަށް ނުދީ ނުހިފަހައްޓަމެވެ.

ވީމާ، މި ދެންނެވި ގޮތާ ޚިލާފަށް އަމަލުކުރާކަމަށް މި ސަރވިސްގެ މައްޗަށް ތުހުމަތު ކުރަމުން ވާހަކަ ފަތުރަމުންގެންދާ ފަރާތްތަކުން އެ ފަތުރަނީ އެއްވެސް އަސްލެއްނެތް ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. އަދި މިސަރވިސްއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަން އަންގަމަވެ.

16 އޮކްޓޯބަރ 2017