ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ އެވޯޑު ނައިޓް ބާއްވައިފި

ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށާއި ޓީމްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ރޭގަނޑުގެ ފަރިއްކޮޅަކާއެކު، ރޭ އައްސޭރި ޖަލުގައި ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ. މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މުހައްމަދު ޝާހީން އާއި މާލެ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އެސްޕީ މޫސާ އަންވަރު އާއި އޮފެންޑަރ ސަރވިސް ޑައިރެކްޓްރޭޓްގެ ހެޑް، އެސްޕީ އިބްރާހިމް މުހައްމަދު ދީދީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ ސަލްމާން ރަޝީދުގެ އިތުރުން ކޮމިޝަންޑް ރޭންކްތަކުގެ އޮފިސަރުންނާއި ގިނައަދަދެއްގެ ޕްރިޒަން އޮފިސަރުން ބައިވެރިވިއެވެ.

ރޭގެ ހަފްލާގައި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ އާއި ހަނދާނީލިޔުން ދިނުން އޮތެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި އެންމެ މޮޅު ފޯވާޑަކަށް އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް މާފުށީ ޕްރިޒަންގެ ޖައިލަމް ޖަމީލު ހޮވިފައިވާއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ މާފުށީ ޕްރިޒަން ޓީމުގެ އަބްދުﷲ ޝާމިންއެވެ. އަދި މުބާރާތުގެ އެންމެމޮޅު ޑިފެންޑަރަކަށް މާފުށީ ޕްރިޒަން ޓީމުގެ ހަސަން ސުނީނު ހޮވިފައިވާއިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އައްސޭރި ޕްރިޒަންގެ އިބްރާހީމް ހަލީމް އެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް އީއެސްޖީގެ އަމްޖަދު އަލީ ހޮވިފައިވާއިރު ފެއާޕްލޭ ކުޅުންތެރިއާގެ މަގާމު ލިބުނީ ޓީމް އެޗްކިއުގެ މޫސާ ހަސަންފުޅަށެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމުގެ އަހުމަދު ޝާހިން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކީ މާފުށީ ޕްރިޒަން ޓީމެވެ. ރަނަރަޕް ޓީމަކީ އީއެސްޖީއެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް އެޗްކިއު އެވެ.

2

ރޭގެ ހަފްލާގައިވަނީ މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވެސް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން ރެފްރީ ކޮމެޓީއަށާއި ޖަޖްކޮމެޓީން ކޮށްދިން މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ. ހިންމަފުށީ ކައުންސިލް އަށާއި ހިންމަފުށީ ސްކޫލުންވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވާފައިވާތީ ހިންމަފުށީ ކައުންސިލްއަށާއި ހިންމަފުށީ ސްކޫލަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.