މާލޭ ޕްރިޒަން އާއި ވާދަކޮށް ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓްގައި 2-5 ގެނަތީޖާއަކުން ޓީމް އައްސޭރި މެޗް ކާމިޔާބުކޮށްފިއެވެ.
މިއަދުގެ މެޗްގައި އައްސޭރި ޓީމުގެ ހުނަރުވެރި ކުޅުންތެރިންވަނީ މޮޅު ކުޅުމެއްދައްކާ މާލޭ ޕްރިޒަން ޓީމް ސިއްސުވާލާފައެވެ. މި މެޗްގައި އައްސޭރި ޕްރިޒަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ހަލީމް އާއި ޝަރަފް ޝާކިރުގެ އިތުރުން ހުސެއިން ނާފިޒް އެވެ. މީގެތެރެއިން ހަލީމް އާއި ޝަރަފް ޝާކިރުވަނީ ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކޮށްދީފައެވެ.
މާލޭ ޕްރިޒަން ޓީމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ޝަރީފް އާއި އަހުމަދު ފިޔާޒުއެވެ.
މެޗަށްފަހު ޓީމް އައްސޭރިގެ ކޯޗް، އަބްދުﷲ ރަޝާދު ވިދާޅުވީ މިއަދުގެ މެޗްގައި ޓީމު ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދިން އިރުޝާދުގެ ބޭނުން ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފާފައިވާކަމަށެވެ. އަދި މި މުބާރާތުގައި ޓީމް އައްސޭރި ޖެހިލުންވާވަރުގެ އެއްވެސްޓީމެއް ނެތްކަމަށާއި ކުރިއަށްއޮތް މެޗަކީވެސް ޓީމް އައްސޭރިއަށް ކާމިޔާބު ކުރެވޭނެ މެޗަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކޯޗް ރަޝާދު އިތުރަށް ވިދާޅުވީ މާލޭ ޕްރިޒަން ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި އެހެންނަމަވެސް އައްސޭރި ޓީމްގެ ކުޅުން ތަފާތީކަމަށެވެ.
މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އައްސޭރި ޓީމުގެ އިބްރާހިމް ހަލީމްއެވެ. އޭނާވަނީ މިމެޗްގައި މޮޅުކުޅުމެއްދައްކައި ދެލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މުބާރާތަކީ ޕްރިޒަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތަކީ އެމްސީއެސްގެ އެކި ޑިޕާޓްމަންޓްތަކުގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުމުގެ މަގުސަދުގައި ޕްރިޒަން ކުލަބުން ކުރިއަށް ގެންދާ މުބާރާތެކެވެ.