މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން ކްލަބް (ޕީއާރްސީ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕީއާރްސީ ފުޓްބޯލް ޓޯނަމަންޓް 2017” ގެ ގުރުނެގުމުގެ ޙަފްލާ ރޭ ބާއްވައިފިއެވެ. މި ހަފްލާ އޮތީ ހިންމަފުށި ސްކޫލްގައެވެ.
ރޭގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.
މި މަހު 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މަޤްޞަދަކީ އެމްސީއެސްގެ އޮފިސަރުންނާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި، މުވައްޒަފުން ޝަޢުޤުވެރިކުރުވުމާއި، މި ސަރވިސްގައިތިބި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް އެ ކުޅުންތެރިންނަށް ފުރުޞަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިވާ އޮފިސަރުންނާއި، މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ، ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމްސީއެސް ގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމެވެ.
މި މުބާރާތުގައި ބައިވެރި ވެފައިވަނީ ޖުމްލަ 5 ޓީމެވެ. އެއީ އައްސޭރި ޕްރިޒަން، މާފުށި ޕްރިޒަން، މާލެ ޕްރިޒަން، ޓީމް އެޗް ކިއު އަދި އީއެސްޖީއެވެ.
މިއީ ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ހިންމަފުށީގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.