ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 2 އަންހެން ގައިދީންނަށް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަންހެން ގައިދީންނަށް ހާއްސަކޮށް ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 2 ގެ ޕްރޮގްރާމްތައް އިއްޔެ މާފުށި ޖަލުގައި ފަށައިފިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ ފެސިލިޓޭޓަރުންނެވެ.

ފޭސް 2 ގައި ބައިވެރިވެފައިވަނީ ފޭސް 1 ފުރިހަމަކޮށްފައިވާ 37 ގައިދީންނެވެ.

03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޭސް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޤައިދީންގެ ކިބައިގައި ރަނގަޅު ހުނަރުތައްކެއް އަށަގެންނެވުމަށާއި، ވިސްނުމާއި ފިކުރުކުރާގޮތަށް ބަދަލުތަކެއް ގެނައުމާއި، އެމީހުން މުޖުތަމައުއަށް ނުކުތުމަށްފަހު އުޅުމާއި އަހުލާގަށް ބަދަލު ގެނައުމަށް އެހީތެރިވެދިނުމެވެ. އަދި އެމީހެއްގެ ދިރިއުޅުން ބައްޓަން ކުރުމާއި މުސްތަގުބަލުގައި ކުރަން ރާވާފައިވާ ކަންތައްތައް ފާހަގަކުރުމާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ދެނެގަތުމާއި އެކަންކަން ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ ޖަލަށް ނާންނާނެ ގޮތަކަށް ޕްރޮގްރާމްތައް ބައްޓަންކޮށް އެމީހުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދީ ކިޔަވައިގެންތިބި ހަރުދަނާ ބަޔަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.