އިންސާނާގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެހޭ އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކާ ކުރުމަށް އެންމެ މުހިންމު އެއްކަމަކީ ބަލިތަކުން ރައްކާތެރިވެ ހުރުމެވެ. އަދި ބަލިވެއްޖެނަމަ ބޭސް ކުރުމެވެ. ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ ހަށިގަނޑާ ސިއްހަތާ ބޭހޭ ގޮތުން އެ މީހަކާ ސުވާލު ކުރެވޭނެ މީހަކަށް ވީ ހިނދު، ބަލިވުމުން ހަށިގަނޑަށް ރައްކާތެރިވެ އެންމެ އަވަސް ފުރުސަތެއްގައި އެ ބަލިން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ ކޮންމެ އިންސާނެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެހެންނަމަވެސް ބަލިވާއިރަށް ޑޮކްޓަރަށް ދެއްކުމުން ނިމުނީއެއް ނޫނެވެ. ޑޮކްޓަރު ދެއްވާ ބޭސްތައް ގަޑިންގަޑިއަށް ކެއުމާއި، އިތުރަށް ދެއްކުމަށް ބުނުއްވައިފިނަމަ އަލުން ދެއްކުމާއި، އޭގެ ފަހުން ވެސް މައްސަލައެއް އުޅޭނަމަ ލަސްނުކޮށް ޑޮކްޓަރުގެ ލަފާ ހޯދުން އެއީ މުހިންމު ކަންކަމެވެ. އާންމު ބަލިތަކަކީ (ހުން، ރޯގާ، ބޮލުގައި ރިއްސުން) ބައެއް ފަހަރު ދާއިމީ ނުވަތަ “ކްރޯނިކް” ބަލިތަކުގެ އަލާމާތެވެ. އެހެންކަމުން ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ބޭސް ކާން ޖެހޭ ފަދަ ބައްޔަކަށް ބަދަލުވުމުގެ ކުރިން އެ ބައްޔަށް ފަރުވާ ހޯދައިފި ނަމަ، އެ ފަދަ ބަލިން ފަސޭހަ ވުމުގެ ފުރުސަތު އޮންނާނެއެވެ.
ޖަލުގައި ސިއްހީފަރުވާ ދިނުން
ސިއްހީފަރުވާއަކީ އިންސާނީހައްގެއްގެ ގޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދު ކުރެވިފައިވާ އެންމެހާ ފަރާތްތަކަށް އެކަށީގެންވާ ސިއްހީފަރުވާ ލިބިދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމަކަށްވީ ހިނދު، ޖަލުގައި ބަންދު ކުރެވޭ މީހުނަށްވެސް، އެއްވެސް އިސްތިސްނާއަކާ ނުލާ، އެ ފަރުވާ ދިނުމުގެ އިންތިޒާމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގަވާއިދުން ހަމަޖައްސާދެއެވެ. އަދި ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ އަށްވަނަ ބާބު ހާއްސަ ކޮށްފައިވަނީ ބޭސްފަރުވާ އާއި މެޑިކަލް އެސެސްމަންޓްގެ އިންތިޒާމަށެވެ. އަދި އެ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ތިން ގަވާއިދަކީ ހުކުމް ތަންފީޒުކުރާ މީހުންގެ ސިއްހީ ފަރުވާއާ ބެހޭގޮތުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގަވާއިދުތަކެކެވެ.
މި ގަވާއިދުތަކުގެ އިތުރުން، ކޮންމެ ޖަލެއްގައިވެސް ސިއްހީފަރުވާ ދިނުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް މެޑިކަލް ސެކްޝަނެއް ގާއިމު ކޮށްފައި އޮވެއެވެ. އަދި އެ ޖަލެއްގައި ސިއްހީފަރުވާ ދިނުމުގައި އަމަލު ކުރާނެ އެސްއޯޕީއެއް ޖަލުއަމުރުގެ ސިފައިގާ އާންމު ކުރެވިފައިވެއެވެ. އެ އެސްއޯޕީގައި، ޤައިދީއެއް ނުވަތަ ބަންދުމީހެއް ސިއްހީ ހިދުމަތް ބޭނުންވެގެން އެކަމަށް އެދުމުން، ކަންކުރަން ޖެހޭ ގޮތް ބަޔާންކުރެވިފައި ވެއެވެ.
ޤައިދީއެއް ނުވަތަ ބަންދުމީހެއް ބަލިވެގެން، ޖިސްމާނީ އުނދަގުލެއްވާތީ، ނުވަތަ ހާނީއްކައެއް ވެގެން ޝަކުވާކުރުމުން، އެ ޖަލެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް އެ މީހާ ބައްލަވައެވެ. ޑޮކްޓަރެއް ނެތް ޖަލެއްނަމަ ސިއްހީ ހިދުމަތް ދޭ މަރުކަޒަކަށް އެ ޤައިދީ ނުވަތަ ބަންދުމީހާ ގެންދިއުމަށްފަހު ފަރުވާގެ ކަންކަން ކުރިޔަށް ގެންދެވެއެވެ. ނުވަތަ އެހެން ޖަލަކަށް އެ މީހަކު ގެންދިއުމުން އެ ތަނުގައި މަސައްކަތް ކުރައްވާ ޑޮކްޓަރު އެމީހާ ބައްލަވައެވެ. އެއަށްފަހު، އެ ތަނަކުން ބައްލަވާ ޑޮކްޓަރެއްގެ އިރުޝާދާއެކު، އެ ބަލިމީހާ އިތުރު ފަރުވާދިނުމަށް ސްޕެޝަލިސްޓަކަށް ދެއްކުމަށް އައިޖީއެމްއެޗަށް ނުވަތަ އައިޖީއެމްއެޗުގައި ލިބެންނެތް ފަރުވާއެއް ނަމަ އެ ފަރުވާ ލިބެންހުރި ސިއްހަތާބެހޭ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް، އެޕޮއިންޓްމަންޓް ހެއްދުމަށްފަހު ގެންދެވެއެވެ.
ބަލިހާލަތުގެ ބޮޑުކުޑަމިނަށް ބަލާ، އެ ޤައިދީއެއް ނުވަތަ ބަންދުމީހެއް އެނދުމަތި ކޮށްފިނަމަ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އެ ތަނުގައި ރެއާއި ދުވާލު ޑިއުޓީ އަދާކޮށްގެން އެ ބަލިމީހާ ބަލަހައްޓައެވެ. އަދި ރާއްޖެއިން ލިބެންނެތް ފަރުވާއެއް ދިނުމަށް ސްޕެޝަލިސްޓް ނިންމަވައިފިނަމަ، އަދި އެއީ އެ މީހަކަށް ކޮންމެހެން ބޭނުންވާ ފަރުވާއެއް ނަމަ، ޤާނޫނުގައި ބުނާ މެޑިކަލް ބޯޑުގެ ލަފާގެ މަތިން، އަދި ގަވާއިދުގައިވާ ގޮތުގެ މަތިން، އެ މީހަކު ބޭރަށް ފޮނުވުމުގެ އިންތިޒާމް، އެމީހެއްގެ އާއިލާއާ ގުޅިގެން އެމްސީއެސްއިން ހަމަޖައްސައިދެއެވެ.
އާސަންދަ
ސިއްހީ ފަރުވާއަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ އަސާސީ ހިދުމަތަކަށް ވީހިނދު އާސަންދައަކީ ދިވެހިންގެ ސިއްހީ ފަރުވާގެ ހަރަދުތައް ހަމަޖައްސައި ދިނުމަށްޓަކައި އެކުލަވާލާފައިވާ ހެލްތު އިންޝުއަރެންސް ސްކީމެކެވެ. އަދި އާސަންދައަކީ ކޮންމެ ދިވެހި ރައްޔިތެއްވެސް ބޭސް ކުރަންޖެހިއްޖެ ހާލަތެއްގައި ކުރަންޖެހޭ ބޭސްފަރުވާގެ ހަރަދު ހަމަޖެހިގެންދާ ސްކީމެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީންނަށް ދެމުންގެންދާ ގިނަ ސިއްހީ ހިދުމަތްތަކަކީ އާސަންދާގެތެރެއިން ދެމުން ގެންދާ ހިދުމަތްތަކެކެވެ. ނަމަވެސް އާސަންދަ ނުލިބޭ ހާލަތްތަކުގައި އެމްސީއެސްގެ ބަޖެޓުން ހަރަދުކޮށްގެން ޤައިދީންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އަދި އެންމެބޮޑަށް ފާހަގަކޮށްލެވެނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ހާލަތްތަކުގައިވެސް އެމްސީއެސް އިން ގެންދަނީ ޤައިދީންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދެމުންކަމެވެ.
ސިއްހީފަރުވާއާ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޖަލު ހަރުދަނާކުރުމަށްޓަކައި ގަވާއިދާ ހިލާފަށް ޖަލަށް ވައްދާ ތަކެތި ވެއްދުން ހުއްޓުވުމަށް އެޅިފައިވާ އެއް ހުރަހަކީ އެކިއެކި ބޭނުންތަކުގައި ޖަލުން ބޭރަށް ނެރެވޭ ޤައިދީން މެދުވެރިކޮށް މުއާސަލާތް ހިންގުމާއި، ހަށިގަނޑު ތެރޭގައި ފޮރުވައިގެން ޖަލަށް ތަކެތި ވެއްދުމެވެ. ހަށިގަނޑުގެ އެތެރޭގައި ޑްރަގްސް ފޮރުވައިގެން ޖަލަށްވެއްދުމަކީ އެ މީހަކަށް ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ ބައެއް ފަހަރު، އެތަކެތި ބަންދުކޮށްފައިވާ ޕެކޭޖް ފަޅައިގެންގޮސް އެތެރެހައްޓަށް އެތަކެތި ލީކުވެގެން މީހާގެ ފުރާނައަށް ނުރައްކާ ވާތީއެވެ. އަދި ބައެއްފަހަރު އެ މީހާ އޯވަރޑޯޒްވެއެވެ. 2 ގަޑިއިރުގެ ދިގު ދަތުރެއްގައި ދޯނީގައި މާފުއްޓަށް ދިއުމުގެ މަގުމަތީގައި ވަނިކޮށް އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ، އެމީހެއް ފުރާނަ ސަލާމަތްކުރުމަކީ ކާމިޔާބު ކަމަކަށް ވުމަށްވުރެ ނާކާމިޔާބު ކަމެކެވެ.
ސިއްހީފަރުވާ ދިނުމުގައި ޖަލުގެ ގިންތިއަކަށް ނުބަލައެވެ. އަދި ޤައިދީ ނުވަތަ ބަންދުމީހާގެ ސެކިއުރިޓީ ރޭޓިންގ އަކަށް ނުބަލައެވެ. ނުވަތަ ޤައިދީގެ ހުކުމުގެ ދިގުމިނަކަށްވެސް ނުބަލައެވެ. އަދި ޤައިދީ ކޮށްފައިވަނީ ކޮން ކުށެއްތޯވެސް ނުމެބަލައެވެ. ނަމަވެސް ފަރުވާ ދިނުމަށް ޖަލުން ބޭރަށް އެ ޤައިދީ ނުވަތަ ބަންދު މީހަކު ނެރޭނަމަ، އެ މީހެއްގެ ސެކިއުރިޓީ ރޭޓިންގަށް ބަލައެވެ. އެއީ އެ މީހަކު ފިލާފާނެ ކަމަށް ބެލެވޭނަމަ، މުޖުތަމައުގެ ރައްކަލަށްޓަކައެވެ. ނުވަތަ އެ މީހަކަށް ލިބިދާނެ ގެއްލުމަކަށް ބަލައި، އެމީހާގެ ރައްކަލަށްޓަކައެވެ. އަދި ސިއްހީފަރުވާ އަކީ ޤައިދީންނާއި ބަންދު މީހުންނަށް ލިބިދެވޭ އަސާސީ ހައްގަކަށް ވާތީ، އެހައްގު ނުލިބޭ ހާލަތެއް އެއްވެސް ގޮތަކަށް މެދުވެރިވިޔަ ނުދެއެވެ.
ސްޕެޝަލިސްޓުންނަށް ދެއްކުން
2016 ވަނަ އަހަރު، ޖަލުތަކުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން ބަލިވެއްޖެކަމަށް ނުވަތަ އަނިޔާވެއްޖެ ކަމަށް ޝަކުވާ ކުރި ހުރިހާ އެންމެން ޖަލުގެ މެޑިކަލް އޮފިސަރަށް ވަނީދައްކާފައެވެ. އަދި އޭގެ ތެރެއިން ގިނައަދަދެއްގެ ޤައިދީންނާއި ބަންދު މީހުންވަނީ އައިޖީއެމްއެޗްއަށް، ނުވަތަ އޭޑީކޭ ހޮސްޕިޓަލަށް، ނުވަތަ އައިކެއަރ ކްލިނިކަށް، ނުވަތަ ސެނަހިޔާއަށް، ނުވަތަ ހުޅުމާލޭ ހޮސްޕިޓަލަށް، ނުވަތަ އެނޫންވެސް ބައެއް ސްޕެޝަލިސްޓް ކްލިނިކްތަކަށް ދައްކާ ފަރުވާ ކުރިޔަށް ގެންގޮސްފައެވެ.
ނަމަވެސް މިގޮތަށް ސްޕެޝަލިސްޓުންގެ ފަރުވާ ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރެއެވެ. ޖަލުގައި ވަރަށް ގިނައަދަދެއްގެ ކުށްވެރިން ބަންދު ކުރެވިފައިވާ އިރު، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ކޮންމެ ދުވަހަކުވެސް ކޮންމެ ބާވަތަކުން ލިބެނީ އެއް ނަންބަރެވެ. އެހެންކަމުން އެންމެ ގިނައިން ޖަލުގެ ތެރޭ ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށްވަނީ ދިގު ކިއުއެއް ހެދިފައެވެ. އެމްސީއެސް އިން ގެންދަނީ އެ ކިއު ކުރުކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން، 2017 ފެބްރުއަރީ 26 ވަނަ ދުވަހު، މިނިސްޓަރ އޮފް ހެލްތު އާއި އައިޖީއެމްއެޗްގެ ސީއީއޯ އާއި މެޑިކަލް ޑިރެކްޓަރ އާއި އޮޕަރޭޝަންސް ޑިރެކްޓަރ އާއެކު ސީޕީ އާއި ޑީސީޕީ ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ތިން ފަރާތުންވެސް އެއްބަސްވެފައިވަނީ ކޮންމެވެސް ތާވަލެއްގެ ދަށުން، ގިނަވެގެން މަހަކު އެއްފަހަރު ސްޕެޝަލިސްޓުން މާފުށީޖަލަށް ޒިޔާރަތް ކުރައްވާގޮތަށް ހަމަޖެއްސެވުމަށެވެ. މިކަން އަމަލީގޮތުން ފެށިފައި ނުވިކަމުގައިވި ނަމަވެސް މި އަހަރު މިހާތަނަށް ޕީޑިޓްރިޝަން (ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ) އެއް އަދި ސައިކަޔަޓްރިސްޓުން ޖަލުގައި ހަރަކާތްތެރި ވެފައިވެއެވެ.
ސްޕެޝަލިސްޓުން ޖަލަށް ޒިޔާރަތް ކުރައްވާގޮތް ހަމަޖެހުމުން މިހާރު އެންމު ދިގު ކިއުއެއްގައި ތިބި ހަމުގެ ބަލީގެ މީހުންނާއި ދަތުގެ ބަލީގެ މީހުންނަށް ވަކިން ހާއްސަކޮށް ލުއިވެގެން ދާނެއެވެ. އަދި ކުށްވެރިން ސިއްހީ ބޭނުމަށް ޖަލުން މާލެއަށް އަދި އަނބުރާ ޖަލަށް އުފުލުމުގައި ދައުލަތުން ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެއެވެ. އަދި ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ ހަރަކާތްތަކަށް ހުރަސް އެޅިގެން ދާނެއެވެ.
ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި ހުރި ބައެއް ގޮންޖެހުން
ޖަލުތަކުގެ މެޑިކަލް ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި، ޖަލުގައި ޑިއުޓީ އަދާކުރުމަށް، ޖަލުގެ ވަޒީފާއަށް ހޯދަންޖެހޭ ޑޮކްޓަރުން ހޯދުމަކީ މިހާރު ވަރަށް ދަތި ކަމެކެވެ. އެ ފަދަ ތަނެއްގައި މަސައްކަތް ކުރުމަށް ދިވެހި ޑޮކްޓަރުން ނުލިބެއެވެ. އަދި އަވަށްޓެރި ގައުމުތަކުން ކުރިން ލިބޭހާ ފަސޭހައިން ޑޮކްޓަރުން ނުލިބެއެވެ. އަދި މިހާރު ޑޮކްޓަރުން ހޯދުމުގައި ބަންގްލަދޭޝްއިން ގެންނަ ފަރާތްތަކަށް ބޭނުންވާ ކޯޓާ އިމިގްރޭޝަންގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ލިބުން ގިނަ ދުވަސްތަކަކަށް ލަސްވެފައި އޮތުމަށްފަހު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައިވަނީ ކޯޓާގެ ކަންތައް ހަމަޖައްސާފައެވެ. އެ ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ހަތަރު ޖަލުގައި މިވަގުތު ދާއިމީ ވަޒީފާ އަދާކުރައްވަނީ އެންމެ ޑޮކްޓަރެކެވެ. އަދި ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން ޑޮކްޓަރުން ގެންދަވަނީ ޖަލަށް ޒިޔާރަތް ކުރައްވަމުންނެވެ.
ޑޮކްޓަރުންނާއި ސިއްޙީ ދާއިރާގެ މީހުން ހޯދުމަށް އަދި ވަޒީފާއަށް ގެންނަ މީހުން ވަޒީފާގައި ދެމިނުތިބެނީ ކަރެކްޝަނަލް ސަރވިސްއިން އެމީހުންނަށް ދެމުންދާ މުސާރައަށް ވުރެ ބޮޑު މުސާރަ އެހެން ހޮޕިސްޓަލުތަކާއި މަރުކަޒުތަކުގައި އުޅޭ މީހުންނަށް ލިބޭތީ، މިހާ ރިސްކު ބޮޑު މާޙައުލެއްގައި މަސައްކަތްކުރުމަށް ބޭނުން ނުވާތީއެވެ.
ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސިއްޙީ ފަރުވާ ހޯދުމަށް އެވްރެޖްކޮށް ދުވާލަކު 100 މީހުން ޖެނެރަލް އޯޕީޑީގައި ޖަލުތަކުގައި ތިބޭ ޑޮކްޓަރުންނަށް ދައްކައެވެ. އަދި ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި ސިއްހީފަރުވާ ހޯދުމަށް އެވްރެޖްކޮށް ދުވާލަކު 30 މީހުން މާލެ ފޮނުވައެވެ. އަދި މީގެ ތެރެއިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8 މީހުން ފިޒިއޮތެރަޕީ ހެއްދުމާއި އެކްސްރޭ ނެގުމަށް ޖަލުތަކުން މާލެ ގެނެއެވެ.
ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ މީހުންނާއި ފިޒިއޮތެރަޕީ ހަދަން ޖެހޭ މީހުންގެ ތެރޭގައި ސްޕެޝަލް ޕްރޮޓެކްޝަން ދީގެން ބަލަހައްޓަން ޖެހޭ ޤައިދީން ތިބުމާއެކު އެމީހުން ކޮންމެ ދުވަހަކު ޓްރާންސްޕޯޓްކުރަން ޖެހޭނީ ވަކިންކަމަށްވާތީ އެކަމަށް އިތުރު ޚަރަދު ކުރަންޖެހުމާއި ސެކިއުރިޓީ ބެލެހެއްޓުމުގައި ދަނީ ވަރަށް ގިނަ ދަތިތަކާ ދިމާވަމުންނެވެ.
މާބަނޑު ޤައިދީންނާއި ބަންދުމީހުން
ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގަވާއިދު ނަންބަރު R-34/2016 “ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު” ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މީހުންނާ އިނދެގެން އުޅޭ ޤައިދީންނަށް ދެވޭ އެކަހެރި ބައްދަލުވުމަކީ އާއިލީ ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދެމުންގެންދާ ހާއްސަ އިނާޔަތެކެވެ.
ޖަލަށް ޤައިދީ އަންނައިރު އާއި ނުވަތަ ޖަލުގައި ދެވޭ އެކަހެރި ބައްދަލުވުމުގެ ސަބަބުންނަމަވެސް މާބަނޑުވާމީހުން، ބަނޑަށް ހަތް މަހުގައި އާއިލާއާއި ހަވާލުކުރެވެއެވެ. އަދި ވިހާ ގަދަވުމުން އެމީހުން އަނބުރާ ޖަލަށް ގެނެއެވެ. އަދި ގާތުން ކިރުދޭނަމަ ކުޑަދަރިފުޅާއެކު ޖަލުގައި އުޅުމުގެ ފުރުސަތު ޤާނޫނުން ލިބިދީފައިވެއެވެ.
ޤައިދީންނާ ބަންދުމީހުންގެ ޝަކުވާ
ސިއްޙީ ފަރުވާގެ ޚިދުމަތްތައް ދިނުން ލަސްވަމުންދާތީ ޤައިދީންނާއި ބަންދުމީހުން ދަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަންރައިޓްސް ކޮމިޝަނަށާއި ސިވިލް ކޯޓަށާ އަދި އެހެނިހެން މުއައްސަސާތަކަށް ޝަކުވާ ހުށަހަޅަމުންނެވެ.މިކަންކަމާ ގުޅިގެން އެމްސީއެސްއިން ޖަވާބުދާރީވުމަށާއި އިދާރީ މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރެވެއެވެ.
ސިއްހީ ކަންކަން ހަރުދަނާ ކުރުމަށް ކުރެވިފައިވާ ބައެއް މަސައްކަތް
ޖަލުތަކުން މާލެ ގެންނަން ޖެހޭ ޤައިދީންނާ ބަންދުމީހުންގެ އަދަދު މަދުކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ ޖަލުތަކުގައި ޑޮކްޓަރުންނަށް މަސައްކަތްކުރެވޭނެ ރޫމްތަކާއި އަދި މާފުށީ ޖަލުގައި އެކްސްރޭ ނެގޭނެ ގޮތާއި ފިޒިއޮތެރަޕީ ދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާ މަޝްވަރާކުރެވިގެން އެމްސީއެސްއަށް ދޫކުރާ އެޕޮއިންޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކޮށް، ސްޕެޝަލިސްޓުން ޒިޔާރަތްކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެހޮސްޕިޓަލުގައި ދެންނެވިފައިވެއެވެ.
އަދި ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތްކުރައްވާ ނަފްސާނީ ޑޮކްޓަރަކާ މަޝްވަރާކޮށް ޖަލުތަކަށް ޒިޔާރަތްކޮށްދެއްވާ ޖަލުތަކުގައި ތިބި ނަފްސާނީ ބަލިމީހުން ޤަވާއިދުން މެދުނުކެނޑި ފަރުވާކުރިޔަށް ގެންދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަ ޖައްސާފައެވެ.
ސިއްހީފަރުވާގެ ހިދުމަތް ފުޅާ ކުރުމަށާއި ސިއްހީފަރުވާއަށް ކުރެވޭ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަނީ އެކްސްރޭ މެޝިން އާއި ޑެންޓަލް ޗެއާ ގަނެފައެވެ. އަދި ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެތަކެތި ބަހައްޓާ ކޮމިޝަން ކުރެވޭނެއެވެ. ނަމަވެސް، އެތަނުގައި މަސައްކަތް ކުރާނެ ރޭޑިއޯލޮޖިސްޓަކާއި ޑެންޓިސްޓެއްގެ ވަޒީފާ އުފެއްދޭ ގޮތް ވަނީ މިހާތަނަށް ނުވެފައެވެ. އަދި ވަޒީފާ އުފެއްދިކަމުގައި ވީނަމަވެސް އެތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ލިބޭނެ ތާރީހެއްގެ ޔަގީންކަމެއް ނެތެވެ.
ކ. މާފުށި
ކ. މާފުށްޓަކީ ފަތުރުވެރި ކަމުގެ ސިނާއަތަށް މީގެ އަހަރުތަކެއް ކުރިން ތައާރަފު ކުރެވިފައިވާ ރަށެކެވެ. އެގޮތުން އެ ރަށުގައިވާ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް 2016 ވަނަ އަހަރު ގާތްގަނޑަކަށް 4000 އާއި 5000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރިކަމަށް ވެއެވެ. އަދި މާފުށި ވަށައިގެން ގިނަ އަދަދެއްގެ މަތީ ފެންވަރުގެ ތަރިޖެހި ރިސޯޓްތަކެއް ވެއެވެ. މި ރިސޯޓްތަކަކީ ފަތުރުވެރިން ވަރަށް ގިނައިން އަންނަ ތަންތަނެވެ. މީގެ އިތުރުން މާފުށީ ރައްޔިތުންގެ އާބާދީ އަކީ 1794 މީހުންނެވެ. އެކަމަކު އެ ރަށުގައި 6000 އާއި 7000 އާއި ދެމެދުގެ އަދަދަކަށް މީހުންގެ އާބާދީއެއް އަބަދުވެސް ޖަމާވެ ނޯންނައިރެއް މިހާރަކު ނުދެއެވެ. އަދި މާފުށީޖަލުގައި ތިބޭ ކުށްވެރިންނާއި ބެރެކްސްގައި ތިބޭ އޮފިސަރުންގެ އަދަދަކީވެސް ވަރަށް ބޮޑު އަދަދެކެވެ. ވުމާއެކު، މާފުށީގައި އެކަށީގެންވާ ސިއްހީ މަރުކަޒެއް، ނުވަތަ ހޮސްޕިޓަލެއް ހުރުމަކީ ދައުލަތުގެ ހަރަދުތައް ކުޑަވެ، ރައްޔިތުންނަށާއި ފަތުރުވެރި މެހެމާނުންނަށް ވަރަށް ބޮޑަށް މަންފާކުރާނެ ކަމެކެވެ.
2016 ވަނަ އަހަރު ޑޮކްޓަރަށް ދެއްކުނު ގޮތުގެ ބައެއް ތަފުސީލު
ތިރީގައި އެވަނީ 2016 ވަނަ އަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުން ޤައިދީންނަށާއި ބަންދުމީހުންނަށް ޖަލުން ބޭރުގައި ދެވިފައިވާ ފަރުވާތަކުގެ ހުލާސާ ތަފާސްހިސާބެވެ.
ފުރިހަމަ ސިއްޙަތެއްގައި ތިބުމަށް ބަލިތަކުން ރައްކާތެރިވެ ތިބުމަކީ މުހިންމު ކަމަކަށް ވީހިނދު އެކަމަށް އޮތް އެއް ހައްލަކީ ސާފުތާހިރުވެ ތިބުމެވެ. އަދި ބަލިވެއްޖެ ނަމަ އަވަސްކަމާއެކު އެކަމަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް އެއްވެސް އިސްތިސްނާއެއްނެތި އެމީހަކު ޑޮކްޓަރަށް ދައްކަން އެދުމުން ގެންދަނީ ބޭސްފަރުވާގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދެމުންނެވެ. އެއީ އާސަންދައިން ލިބެންނެތް ޚިދުމަތެއް ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ހިލޭ ބޭސްކޮށްދެވެއެވެ. ޤައިދީންނާއި ބަންދުމީހުންނަށް ދެވޭ ސިއްހީ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ ދެމެދު މަޝްވަރާ ކުރެވޭ ކަންތައްތަކަށް އަމަލީ ސިފަޖެހިގެން ކަމުގައިވާތީ އެފަދަ ކަންތައްތަކަށް އިތުރު އަހައްމިއްޔަތެއް ދެވިގެން ކުރިއަށް ގެންދެވިގެންނެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާނެ އިތުރު ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ލިބިގެންނެވެ. މިފަދަ ފަރާތްތައް ލިބެން މަގުފަހިވާނީ އެފަރާތްތައް ޖަލުތަކުގައި މައްސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބޭވަރުގެ ރަނގަޅު މުސާރަ ދީގެންނެވެ. މީގެ އިތުރުން އެ ފަރާތްތައް މަސައްކަތްކުރުމަށް އެކަށީގެންވާ ރޫމްތަކުގެ އިތުރުން ބޭނުންވާ އާލާތްތައް ލިބިގެންނެވެ. ބޭސްފަރުވާ ކޮށްދިނުމަކީ އަސާސީ ހައްގެއް ކަމުގައިވީނަމަވެސް ހިލޭ ބޭސްފަރުވާ ކޮށްދިނުމުގައި ޤައިދީންގެ ސެކިއުރިޓީއާއި ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމަށް ދިމާވާ ގޮންޖެހުންތައް ހައްލުނުވެ އޮތުމަކީ އެކަން އެންމެ ފުރިހަމައަށް ކުރުމަށް ހުރި ހުރަހެކެވެ.