‏އެމްސީއެސްގެ 20 ވަނަ ބޭސިކް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ކުރިއަށްގެންދާ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް (ސީއެމްއެސްޕީ) މާފުށީ ޖަލުގައި އިއްޔެ ފަށައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ. މި ރަސްމިއްޔާތުގައި ސީޕީ ޝިހާން ވަނީ ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ހަތަރު ސެމިސްޓާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންގ އާއި ލީޑަރޝިޕް ކްލާސްތަކާއި އެތިކްސް އާއި ޤާނޫނާއި ޤަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދެވޭނެއެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.