މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ފަޔަރ ފައިޓިންގ ކްލާސްތައް ނިންމާލައިފިއެވެ.
މާފުށީ ޖަލުގެ ޓްރެއިނިންގ ގްރައުންޑްގައި ކުރިއަށް ގެންދިޔަ މި ކްލާސްތަކުގައި ޖަލުގައި ހިނގާފާނެ ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދީ އެކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ދަސްކޮށްދީފައެވެ. އަދި އަލިފާން ނިވުމުގައި ހަރަކާތްތެރި ވާއިރު އެންމެ ރައްކާތެރިކަމާއެކު އެކަން ކުރުމަށްވެސް މި ކްލާސްތަކުގައި ބައިވެރިންނަށް ވަނީ ދަސްކޮށް ދީފައެވެ.
މި ކްލާސްތަކަކީ ޕްރިޒަން އޮފިސަރުންގެ ތެރެއިން އިމަޖެންސީ ސަޕޯރޓް ގްރޫޕްގައި މަސައްކަތްކުރާ އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ކްލާސް ތަކެކެވެ. މި ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތައް ހިމަނައިގެންނެވެ. އަދި މި ކްލާސްތަކުގައި ފަޔަރ ޕަމްޕް ބޭނުންކުރާނެ ހުނަރުތަކާއި ޑްރިލްތަކުގެ އިތުރުން ކޮމާންޑްތައްވެސް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. އަދި ހޮޅި އަޅާނެގޮތާއި ރައްކާތެރިކަމާއެކު އަލިފާން ނިއްވުމަށް ބޭނުންކުރާނެ ތަފާތު ހުނަރުތައް މި ކްލާސްތަކުގައި ބައިވެރިންނަށް ވަނީ ކިޔައިދީ އުނގަންނައިދީފައެވެ.