ކޮމިޝަނަރ އޮފް ޕްރިޒަންސް އައްސޭރި ޖަލަށް ޒިޔާރަތް ކުރައްވާ އެޖަލުގައި ކުރިއަށް ގެންދާ މަޝްރޫއުތައް މިއަދު ބައްލަވާލައްވައިފިއެވެ.
ސީޕީ ޝިހާން ގެ މި ދަތުރުފުޅުގައި ކ. ހިންމަފުށީގެ ހިއްކި ސަރަހައްދަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އައްސޭރި ޖަލާއި އަލަށް ހިއްކި ސަރަހައްދު ގުޅޭ ދިމާލުގައި ޖަހަން ފަށާފައިވާ ފެންސް އެތެރެއަށް ޖައްސާ، ހަދާފައިވާ މަގުވެސް ވަނީ ބައްލަވާލައްވާފައެވެ. މި މަގުގެ ސަބަބުން އާންމު ފަރާތްތަކަށާއި އެ ސަރަހައްދުން ރާޅާ އަޅަންދާ ފަރާތްތަކަށް ޖަލު ސަރަހައްދަށް ނުވަދެ އެހިސާބަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އަދި މި ދަތުރުފުޅުގައި އައްސޭރި ޖަލުގެ ޖާގަ ބޮޑުކުރުމަށްޓަކައި ކޮށްފައިވާ އިންތިޒާމްތައްވެސް ސީޕީ ޝިހާން ވަނީ ބައްލަވާލައްވާފައެވެ.
ސީޕީ ޝިހާން ގެ މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް ނާޝިދު ބައިވެރިވެވަޑައިގެންނެވިއެވެ.