މާފުށިޖަލަށް ޒިޔާރަތް ކުރި އަންހެނެއް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އެތެރެކުރަން އުޅެނިކޮށް އަތުލައިފިއެވެ. އެމީހާ މާފުށިޖަލަށް ޒިޔާރަތްކުރީ ގައިދީންނަށް ދެވޭ އާއިލީ ބައްދަލުވުމުގެ ފުރުސަތުގައި ޖަލުގައިވާ އޭނާގެ ބޭބެއާ ބައްދަލުކުރުމަށެވެ.
އަތުލައިގަނެވުނު ތަކެތި ހުރީ ކޭކެއްގެ ތެރެއަށްލާ ފޮރުވާފައެވެ.
ފަހަކަށް އައިސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ޖަލަށް ވައްދަން ހުއްދަ ނުކުރާ ތަކެތި ވައްދަން މަސައްކަތްކުރަނިކޮށް އަތުލައިގަނެވޭލެއް އިތުރުކަމަށް އެމްސީއެސްއަށް ވަނީ ފާހަގަކުރެވިފައެވެ. މިދިޔަ ޑިސެންބަރު މަހުވެސް އާއިލީ ބައްދަލުވުމަށް އައި މީހެއްގެ އަތުން ވަނީ ސްމާޓް ފޯނަކާއި ޗާޖަރެއް އަދި ބައްތި ފޯނެއްގެ ބެޓެރިއާ ސިމްކާޑެއް އަތުލާފައެވެ. މިތަކެތިވެސް ހުރީ އެމީހާ ގެނައި ބައެއް ސާމާނުގެ ތެރެއަށްލާ ފޮރުވާފައެވެ.
މިފަދައިން ހުއްދަ ނުކުރާ ތަކެތި ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރުމަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށާއި މިފަދަ ކަންކަމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވަމެވެ. އަދި މިފަދަ ގައިދީންނަށާއި މުޖްތަމައުއަށް ގެއްލުންހުރި ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް އެމްސީއެސް އިން އިލްތިމާސްކުރެއެވެ.