މާފުށީ ނިއު ސްޓާރސް ކްލަބަށް 30 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށްގެންދާ ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މާފުށީ ޖަލުގެ ޓީމް ކާމިޔާބު ކޮށްފިއެވެ.
މާފުށީގައި ކުރިއަށް ގެންދާ މި މުބާރާތުގައި މިއަދު ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ އައިކޮމް އާއި ވާދަކޮށް ތިންސެޓް އެއްސެޓުންނެވެ.
މެޗްގެ ފުރަތަމަ ސެޓް 20 – 25 ން މާފުށީ ޖަލުގެ ޓީމު ކާމިޔާބުކޮށްފައިވަނިކޮށް ދެވަނަ ސެޓްގައި އައިކޮމްގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓް ކާމިޔާމިޔާބުކުރީ 20 – 25 ންނެވެ. އަދި ތިންވަނަ ސެޓް 25 – 21 ން، އަދި ހަތަރުވަނަ ސެޓް 25 – 16 ން ކާމިޔާބުކުރީ މާފުށީ ޖަލުގެ ޓީމެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޖަލު ޓީމުގެ އަޙްމަދު ޝާހީން އެވެ.
މި މުބާރާތުގައި ދެން މާފުށީ ޖަލުގެ ޓީމް މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.