ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016″ ފުޓްބޯޅަ މުބާރާތް އިއްޔެ އިފްތިތާހު ކޮށްދެއްވައިފިއެވެ.
މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ ނުވަ ޓީމް ވާދަކުރެއެވެ.
މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އެސްކޯޓް ޓީމުގެ ކޮމާންޑަރ ސްޓާފް ސާޖަންޓް ޙުސެއިން ނަދީމް ހުރިހާ ކުޅުންތެރިންނަށާއި ޓީމްތަކުގެ އޮފިޝަލުންނަށް ވިދާޅުވީ “ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016″ ފުޓްބޯޅަ މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ކުޅުންތެރިންގެ އިތުރުން ހުރިހާ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި މުބާރާތުގެ މަޤްޞަދަކީ މާލެ ޖަލާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރ އާއި ހެޑް އޮފީހުގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަންތަކުގައި ތިބި އޮފިސަރުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް މުވައްޒަފުން ޝައުޤުވެރި ކުރުވުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މި މުބާރާތް ކުޅުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމާއިއެކު، މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު، އަދި ހެޑް އޮފީހުގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަން ތަކުގައި ތިބި އޮފިސަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަމުގައި ހެދުމެވެ.
މި މުބާރާތް ކުރިއަށްދާނީ ކޮންމެ ގްރޫޕެއްގެ ޓީމްތަކުގެ މެދުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ބައްދަލުކޮށް، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ މޮޅުވާ ދެ ޓީމް ފައިނަލްގައި ވާދަކުރާއިރު، ތިންވަނަ ޓީމް ހޮވާގޮތަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުން ބަލިވާ ދެޓީމްގެ މެދުގައި ކުޅޭ މެޗުންނެވެ.