‏”އެސްކޯޓް ޗެލެންޖް 2016″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އެސްކޯޓް ޗެލެންޖް 2016″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ޙަފްލާ ރޭ މާލޭ ޖަލުގައި ބާއްވައިފިއެވެ.

ރޭގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި މުބާރާތުގެ މަޤްޞަދަކީ މާލެ ޖަލާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރ އާއި ހެޑް އޮފީހުގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަންތަކުގައި ތިބި އޮފިސަރުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް މުވައްޒަފުން ޝައުޤުވެރި ކުރުވުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި މި މުބާރާތް ކުޅުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމާއިއެކު، މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު، އަދި ހެޑް އޮފީހުގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަން ތަކުގައި ތިބި އޮފިސަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަމުގައި ހެދުމެވެ.

މި މުބާރާތުގައި ދެ ގްރޫޕަކަށް ބަހާލައިގެން ވާދަކުރަނީ ޖުމްލަ ނުވަ ޓީމެވެ. މި ގޮތުން ގްރޫޕް އޭ ގައި ހިމެނެނީ ޓީމް އެސްކޯޓް، ޓީމް އެޗްޑީސީ، އެފް.ސީ ޑެލްޓާ، އެފްސީ އަލްފާ އަދި އެފްސީ މޯނިންގ ޝިފްޓްއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ޓީމް އެޗް.ކިއު، ޓީމް އެސްއެމްޓީ، އެފް.ސީ ޗާލީ ގެ އިތުރުން އެފްސީ ބްރާވޯއެވެ.

މި މުބާރާތް ކުރިއަށްދާނީ ކޮންމެ ގްރޫޕެއްގެ ޓީމްތަކުގެ މެދުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ބައްދަލުކޮށް، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ މޮޅުވާ ދެ ޓީމް ފައިނަލްގައި ވާދަކުރާއިރު، ތިންވަނަ ޓީމް ހޮވާގޮތަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުން ބަލިވާ ދެޓީމްގެ މެދުގައި ކުޅޭ މެޗުންނެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޯބަރ 2016 ގައެވެ.