‏ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ފަސްވަނަ‏‎ ‎‏ބެޗް މާފުށީ ޖަލުގައި ފަށައިފި‏

ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ހަތަރު ވަނަ ބެޗް ގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ކުރިއެރުވުމުގެ ގޮތުން އޮފިސަރުންނަށް އަމާޒުކޮށްގެން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ފަސްވަނަ ބެޗް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

މިކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން  ކޯޕްރަލް ރޭންކާއި ހަމައަށް މަސައްކަތްކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގައި ޖުމުލަ 49 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އައިކޯސްޓްގެ މުދައްރިބުންނެވެ.

މިކޯހުގައި ޖަލުގެ މިނިމަމް އަދި މީޑިއަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ޔުނިޓްތަކުގައި ޑިއުޓީ އަދާކުރާ އޮފިސަރުން މެނޭޖްކުރާނެ ގޮތާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް މި ކޯހުގައި ކިޔަވައިދެއްވާނެކަމަށް “އައިކޯސްޓް” އިން މައުލުމާތު ދެއްވައެވެ.

މީގެއިތުރުންވެސް “އައިކޯސްޓް” އިންވަނީ އޮފިސަރުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތައް ބާއްވައިފައެވެ. އަދި ކުރިމަގުގައިވެސް މިހާރު ހިންގާ ކޯސްތަކަށްވުރެ މަތީ ލެވެލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށް ރާވާފައެވެ.