މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހާއި މާލޭ ޖަލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ މެދުގައި މިއަދު ބޭއްވި “އެޗް ކިޔު ވިމެންސް ފުޓްސަލް ޓޯނަމަންޓް 2016″ގެ ޗެމްޕިއަންކަން، ޓީމް ޕިންކް ހޯދައިފިއެވެ.
ޣިޔާސުއްދީން ސްކޫލްގެ ފުޓްސަލް ދަނޑުގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ހެޑް އޮފީހާއި މާލޭ ޖަލުގެ އަންހެން އޮފިސަރުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫޙް އާލާކޮށް ކުޅިވަރުތަކަށް މުވައްޒަފުން ޝައުގުވެރި ކުރުވުމާއެކު އަންހެން އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއް ކަމުގައި ހެދުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި ވާދަޮށްފައިވަނީ ޖުމްލަ ހަތަރު ޓީމެވެ. އެއީ ޓީމް ރެޑް އާއ ޓީމް ބްލޫ އާއި ޓީމް ޕިންކްގެ އިތުރުން ޓީމް ގްރީންއެވެ.
މި މުބާރާތް ކުރިއަށް ދިޔައީ ހަތަރުޓީމުވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލް ކުޅޭ ގޮތަށެވެ. މި ގޮތުން ޓީމް ޕިންކް އާއި ޓީމް ގްރީން ފައިނަލުގައި ބައްދަލުކޮށް، ޓީމް ޕިންކް މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1-0 ންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕިންކް ޓީމްގެ ކެޕްޓަން، ޝަހުމާ މުޙައްމަދު ވަހީދެވެ.
ފައިނަލް މެޗް ނިންމުމަށްފަހުވަނީ މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން ހޮވާފައެވެ. އަދި އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ. އަދި އެހެނިހެން ވަނަތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ގިޒްމޯގެ އެސިސްޓެންޓް މެނޭޖަރ ޙަސަން ރިޒްވީ އެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ގިޒްމޯ އާއި ޓަގް ސަރވިސް މެރައިން ޕވޓ ލޓޑ އެވެ.