ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން ރީހެބިލިޓޭޓްކުރުމަށް އައްސޭރި ޖަލުގައި ޕްރޮގްރާމެއް ހިންގުމާބެހޭގޮތުން މިއަދު އެ ޖަލުގައި މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ޖުވެނައިލް ރީހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އެ ކުދިންނަށް ދިމާވާ ކަންކަމުގައި އެންމެ އެކަށީގެންވާ ހައްލު ހޯދުމާއި ގުޅޭކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވެނުވެ. އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި ދިމާވާނެ ދަތިތައް އައްސޭރި ޖަލުން ވަނީ ހިއްސާކޮށްފައެވެ.
މިބައްދަލުވުމުގައި ޖުވެނައިލް ރީހެބިލިޓޭޝަން ޕްރޮގްރާމްގައި ހިމެނުމަށް މަޝްވަރާކުރެވުނު ބައިތަކަކީ ތައުލީމު އުގަންނައިދިނުމާއި، ދީނީ ކަންތައްތައް އުގަންނައިދިނުމާއި، ތަފާތު ރޮނގު ތަކުން އެކުދިން ހޭލުންތެރިކުރުވުމާއި، ތަފާތު ރޮނގުތަކުން ހުނަރު ދަސްކޮށްދިނުމާއި، ޑިސިޕްލިންކުރުމުގެ ގޮތުން ހެވިކަން ދަސްކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށްޓަކައި ބޭސިކް ފިޓްނަސް ޓެސްޓް ބޭއްވުމުގެ މައްޗަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރޮގްރާމްސް ސެކްޝަންގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ ފާހަގަ ކުރެއްވިގޮތުގައި މިފަދަ ޕްރޮގްރާމެއް އެންމެ އެދެވޭގޮތަށް ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުން ލިބިގެންކަމަށެވެ.
އަދި އައްސޭރި ޖަލުން ފާހަގަކުރެއްވީ މިފަދަ ޕްރޮގްރާމްތަކަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ޕްރޮގްރާމްތަކެއް ކަމަށެވެ.
މިބައްދަލުވުމުގައި ޕްރޮގްރާމް ސެކްޝަންގެ ހެޑްގެ އިތުރުން އެ ސެކްޝަންގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި އައްސޭރި ޖަލުގެ ފަރާތުން އައްސޭރި ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޖާދުﷲ ގެ އިތުރުން ސީނިއަރ މެނޭޖްމަންޓްއިން ބައިވެރިވިއެވެ.